ނޫމަޑި އަށް ފައިސާ ދިނީ ހާއްސަ އޮޑިޓެއް ކުރަނިކޮށް!

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ދިނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަން އެނގިއްޖެ އެވެ.


"މިހާރު" އިން ސުވާލުކުރުމުން އޮޑިޓް އޮފީހުން އެކަން ކަށަވަރުކޮށްދިނެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.

ނޫމަޑި އަށް ބަދަލު ދިނީ ރައީސް އޮފީހުގައި އޮންނަ ޚާއްސަ ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ނޫމަޑި އަށް ދައުލަތުން ބޮޑު ބަދަލެއް މި ދިނީ، ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުންނެވެ. މި މައްސަލައިގައި އެ ކުންފުނިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ.

އެކަމަކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެއްބަސްވެ ދައުލަތުން ބަދަލު ދީ ޒިންމާ އަޅުވަނީ ކުރީ ސަރުކާރުގެ ބޮލުގަ އެވެ.

ކޯޓުން ބޭރުގައި ބަދަލު ދޭން ޖެހުނީ، މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުތިރާފްވެވަޑައިގެންފައި އޮތުމުންނެވެ. މި ތުހުމަތާ މެދު މިނިސްޓަރު މުއިއްޒު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ކޮމެންޓެއް ވެސް ނުލިބުނެވެ.

ނޫމަޑި އަށް ބަދަލު ދިނުން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމުން ބުނެފައި ވަނީ އެއީ "ދައުލަތުގެ ބަޖެޓުން ވައްކަން" ކުރުން ކަމަށެވެ. ކޯޓުން ބޭރުގައި ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދެނީ ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކަށް ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގަ އެވެ.