ޝާޒްލީ އަށް ނަސްލީ ގޮތުން ތަފާތު ކުރި މައްސަލައެއް!

ނިއު ޒީލެންޑުގައި ބޭއްވި ކައުންސިލް އިންތިޚާބުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ދިވެއްސެއް ކަމަށް ވާ ޝާޒްލީ ރަޝީދަށް ނަސްލީ ގޮތުން ބަޔަކު ތަފާތުކުރި ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.


ހަޓް ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ޝާޒްލީއާ އެކު، އެ ސިޓީ އަށް 11 ކައުންސިލަރަކު އިއްޔެ ވަނީ އިންތިޚާބުކޮށްފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ޝާޒްލީ ވަނީ ހަޓް ސިޓީގައި ވަރުގަދަ ކެމްޕެއިނެއް ވެސް ކުރައްވައިފަ އެވެ.

ނިއު ޒިލޭންޑްގެ ޗެނަލެއް ކަމަށްވާ ނިއުސް ހަބްގައި ބުނެފައިވާ ގޮތުގައި ހަޓް ސިޓީގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފަސް ބިލްބޯޑަކަށް ގެއްލުން ދިނެވެ. އަދި އެ ބޯޑުތަކުގައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށްގެން ލިޔެ، ވަޅި ބޭނުންކޮށްގެން ޕޯސްޓަރުތައް ހަލާކުކޮށްލި ކަމަށް ވެސް ވެ އެވެ.

މީގެ ތުރުން އާންމު މީހަކު ވަނީ ޝާޒްލީގެ ގާބިލްކަމާ މެދު ސުވާލު އުފައްދައި ހަޓް ސިޓީގެ ރައްޔިތުން ތަމްސީލް ނުކޮށްދެވޭނެ ކަމަށް ބުނެ، ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ހަޓް ސިޓީ އާއި ނިއު ޒީލޭންޑްގެ މައްސަލަތައް ޝާޒްލީއަށް ދެނެގަނެވޭނީ ކިހިނެއްތޯ ސިޓީގައި ސުވާލު އުފެއްދި އެވެ. އަދި އުފަން ގައުމަށް ވަޑައިގެން މަގާމުތަކަށް ކުރިމަތިލައްވަން، ސިޓީ ލިއުނު މީހާ އެދިފައިވެ އެވެ.

ނިއު ޒީލެންޑްގައި އުޅުއްވާތާ 24 އަހަރު ވީ ޝާޒްލީ ވިދާޅުވީ ކެމްޕެއިންގައި ބޭނުންކުރި ޕޯސްޓަރުތަކަށް ގެއްލުން ދީފާނެ ކަމަށް މީގެ ކުރިން ހިތަށް ވެސް އަރާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ކުރުން ރަނގަޅު ކަމެއް ނޫން،" ޝާޒްލީ ވިދާޅުވި އެވެ.

"އަޅުގަނޑާ މެދުގައި ބަޔަކު ނަފްރަތު ކުރާ ތަން ބަލަން ވަރަށް އުނދަގޫ."

އޭނާ ވިދާޅުވީ ޕޯސްޓަރުތަކަށް ގެއްލުން ދިނީ ކޮން ބައެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އޭނާ އަށް އަމާޒުވި "ހަމަލާތަކު"ގެ ސަބަބުން އާންމުންގެ ތާއީދު އިތުރުވި ކަމަށް ވިދާޅުވި އެވެ. އޭނާގެ ދިފާއުގައި ނުކުންނެވި ބޭފުޅުންގެ ތެރޭގައި ހަޓް ސިޓީގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ކްރިސް ބިޝޮޕް ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނިއު ޒީލެންޑުގެ އަމިއްލަ ވިޔަފާރިއެއް ވެސް ހިންގަވާ ޝާޒްލީ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ އަމާޒަކީ ހަޓް ސިޓީގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވި، އިތުރު އިންވެސްޓްމަންޓްތައް ލިބުން ކަމަށެވެ.

ލައްކަ އަކަށް ވުރެ ގިނަ މީހުން އުޅޭ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ވެސް އޭނާގެ އަމާޒުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިންތިޚާބުގައި ހަޓް ސިޓީގެ 10،000 އަށް ވުރެ ގިނަ މީހުން ޝާޒްލީ އަށް ވޯޓު ދިނެވެ.