އަޣުލަބިއްޔަތު އޮވެ މުއައްސަސާތަކަށް ގާނޫނީ ހުސްކަން!

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް ގާނޫނު ބުނާ މުއްދަތުގައި ބައެއް މުއައްސަސާތަކަށް މީހުން އައްޔަން ނުކުރެވޭ މައްސަލަ ކުރިމަތިވެއްޖެ އެވެ.


ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް މީހުން އައްޔަން ނުކުރެވޭ މުއައްސަސާތަކުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު އިސްލާހު ގެނައި މީރާގެ ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރައްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހެ އެވެ.

އެ ބިލް މިދިޔަ މަހުގެ 12 ގައި ތަސްދީގުކުރެއްވި ނަމަވެސް މިއަދާ ހަމައަށް ބޭފުޅުން އައްޔަން ނުކުރެވި އެ މުއައްސަސާ އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަން ކުރަން އެ ދެ ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގަ އެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އެހެންވެ، މީރާގެ އިސްވެރިން ވެސް އައްޔަން ކުރެވޭނީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދާ ފަހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ވެސް އޮތީ ހުސްކޮށެވެ.

ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމް ހުސްވިތާ ތިން މަސްވާ އިރު ވެސް އަދި ބޭފުޅަކު އައްޔަން ނުކުރެ އެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާގެ މަގާމުގެ މުއްދަތު މިދިޔަ ޖުލައި 22 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

އެ މަގާމަށް ރައީސް އިސްކަން ދެއްވި ލިސްޓުގެ ތަރުތީބުން އިންޓަވިއު ކުރިއަށް ގެންގޮސް ނަންތައް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އިންޓަވިއު އަށް ވެސް ބޭފުޅުންނަށް ކިޔައި، ކެންސަލް ކުރުމުން އެ ކަން ވެސް ދިގުލައިގެން ދިޔަ އެވެ.

ގާނޫނުގައި ކަނޑައެޅި މުއްދަތުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް މެމްބަރުން އައްޔަން ނުކުރެވުނެވެ.

ކޮމިޝަނުގެ މެމްބަރަކު ވަކިވެއްޖެ ނަމަ، އާ މެމްބަރަކު އައްޔަންކުރަން ގާނޫނުގައި ކަނޑައަޅާފައި އޮތީ 60 ދުވަހެވެ. ކުރީގެ ސަރުކާރުގައި މިނިވަންކަން ގެއްލި ނުފޫޒު ފޯރާފައި އޮތް ކަމަށް ތުހުމަތުކުރާ މުއައްސަސާގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފެށުމާ އެކު ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެއީ، މެމްބަރު އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހެވެ. މި ދެ ބޭފުޅުންގެ ޖާގަ އަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވި ނަމަވެސް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފައިވާ އިރު، މިހާތަނަށް އެ ކޮމިޝަނަށް ވެސް މެމްބަރަކު އައްޔަން ނުކުރެ އެވެ.

މި މަގާމްތައް ހުސްކޮށް ހުރި އިރު، މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްސަލަތަކެއް ބަލައި ވަކިކުރުމުގެ މަސައްކަތް ވެސް މަޖިލީހުގައި ކުރިއަށް އެބަދެ އެވެ. މިނިވަން މުއައްސަސާތަކުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، ޕްރޮސިކިއުޓަ ޖެނެރަލް މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއް އުފުއްލަވާފައި ނުވާ ކަމުގެ ތުހުމަތުތަކުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ މުއައްސަސާތައް ހިމެނެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، މަގާމުގެ ގާނޫނީ ޒިންމާ އަދާ ނުކުރެއްވި ކަމުގެ ތުހުމަތު ކުރެވިފައިވާ މެމްބަރުންގެ މައްސަލަތައް ކޮމިޓީގައި ދިގުލައިގެންދަނީ ހަމައެކަނި މަގާމުން ވަކިކުރުމަކުން ނުފެދޭނެތީ އެވެ. މަގާމުގައި ތިއްބަވައި ގާނޫނާ ޚިލާފަށް ކުރެއްވި ކުށްތަކުގެ ޒިންމާ އުފުލުވުމަކީ ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަން މެމްބަރުން ފާހަގަކުރެ އެވެ.

މި މަސައްކަތް ކުރާ އިރު ވެސް މައްސަލައަކީ ގާނޫނުތަކަށް އަމަލު ނުކުރެވި މުއައްސަސާތަކުގައި ގާނޫނީ ހުސްކަން ކުރިމަތިވުމެވެ.