"ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ"ގެ މަރާ އެކު ހުޅުދުއްފާރު ފުން ހިތާމައެއްގައި!

ރ. ހުޅުދުއްފާރު ސްކޫލްގެ ޓީޗަރު މުހައްމަދު ނިޝާމް، 31، ރަށުގެ ގިނަ ބަޔަކަށް އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ފަހެއް ޖެހިއިރު ދަނޑުގައި ފުޓްބޯޅަ ކުޅެން އުޅެނިކޮށެވެ. އޭގެ ގަޑިއެއްހާއިރު ފަހުން މުޅި ރަށް ސިއްސުވާލީ އޭނާގެ މަރުގެ ހަބަރުންނެވެ.


ނިޝާމް މަރުވީ، ފުޓްބޯޅަ ކުޅެން އުޅެނިކޮށް ނޭވާ އަށް އުނދަގޫވެގެން ސިއްހީ މަރުކަޒުން ފަރުވާ ހޯދަމުން އަންނަނިކޮށެވެ. މިއީ "ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާ"ގެ ނަމުން ފޭސްބުކްގައި އޭނާ ދަންނަ ގިނަ ބަޔަކަށް ވެސް ލިބުނު ހިތްދަތި ކަމެކެވެ. ދީނީ އިބުރަތްތެރި އެކި ވާހަކަތައް އާއްމުންނާ ހަމައަށް ގެނެސްދޭން ނިޝާމް އަންނަނީ ފޭސްބުކް ޕޭޖެއް ހިންގަމުންނެވެ.

ހުޅުދުއްފާރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ފުޓްބޯޅަ ކުޅެން ދިޔައިރު ނިޝާމްގެ ހާލު ރަނގަޅު ކަމަށެވެ. ދޭތެރެދޭތެރެ އިން ނޭވާ އަށް އުނދަގޫވުމުގެ މައްސަލަ ކުރިމަތިވާ ނިޝާމް އިއްޔެ ހާސްވެ، އުނދަގޫތަކެއް ކުރިމަތިވީ ދަނޑުގައި ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދަނޑުގައި އިންހޭލާ ބޭނުންކުރުމަށް ފަހު ވަގުތުން ސިއްހީ މަރުކަޒަށް ނިޝާމް ދިޔައީ ރަނގަޅު ނުވެގެން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ސިއްހީ މަރުކަޒަށް ގޮސްގެން ވެސް ހާލަތު ދަށްވާން ފެށީމަ އޮކްސިޖަން ގުޅީ. އެކަމަކު ނޭވާ ހާސްވަމުން ގޮސް ނިޔާވީ. އޭރު މަޒުކަޒަށް ދިޔަތާ މާގިނައިރެއް ވެސް ނުވާނެ،" ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި ހިސާބު ކިޔަވައިދޭ، އަދި ރަށުގެ އެންމެންގެ ލޯބި ހޯދައިފައިވާ ޓީޗަރުގެ މަރާއެކު މުޅި ރަށަށް ވަނީ ހިމޭންކަންވެރިވެފަ އެވެ. ފަތިސްނަމާދަށް ފަހު ބޭއްވި އޭނާގެ ޖަނާޒާ އަށް ވެސް މުޅި ރަށް އެއްކޮށްހެން ދިޔަ ކަމަށް ކައުންސިލުން ބުންޏެވެ.

"އެންމެންނާ ވެސް ގުޅޭ، ހުރިހާ ކަމެއްގައި ބައިވެރިވާ އަހުލާގު ރަނގަޅު މީހެއް އެއީ. ރަށުގެ އެންމެންނަށް ލިބުނު ފުން ހިތާމައެއް މިއީ،" ކައުންސިލަރު ވިދާޅުވި އެވެ.

ވާހަކަ ކިޔައިދޭ ރަހުމަތްތެރިޔާގެ ގޮތުގައި ނިޝާމް ދަންނަ ގިނަ ބަޔަކު ވެސް އަންނަނީ އޭނާގެ ރަނގަޅު ވާހަކަތައް ލިޔަމުންނެވެ. ބައެއް މީހުން ސިފަކުރި ގޮތުގައި ދީނަށް ލޯބިކުރާ ނިޝާމަކީ އޭނާ ކުރާ ހެޔޮ އަމަލުތައް އާއްމުކުރަން ދެކޮޅު މީހެކެވެ. ފޭސްބުކްގައި ކާކުކަން ނޭނގޭ ގޮތަށް ދީނީ ޕޭޖެއް ހިންގަނީ ވެސް އެހެންވެ ކަމަށް އެކަކު ފޭސްބުކްގައި ބުނެފައިވެ އެވެ.

އެ ޕޭޖުގައި ތަރުޖަމާކޮށްގެން އޭނާ ގެނެސްދެނީ އަރަބި ނުވަތަ އިނގިރޭސިބަހުން ހުންނަ ދީނީ އެކި ހާދިސާތަކުގެ ވާހަކަ އެވެ. ބޭނުމަކީ، އެ ހާދިސާތަކުން އެހެން މީހުންނަށް އިބުރަތް ހާސިލްކޮށްދިނުން ކަމަށް ވެސް އޭނާގެ ބައެއް އެކުވެރިން ބުންޏެވެ.

އޭނާ މަރުވިއިރު އަންބަކާއި ގާތްގަނޑަކަށް ތިން އަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

.