ތެލެސީމިއާ ސެންޓަރުގެ ބޭސް ސިޓީތަކަށް އާސަންދައިން ބޭސް ދޫކުރަން ފަށައިފި

ނޭޝަނަލް ތެލެސީމިއާ ސެންޓަރު ނުވަތަ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ބޭސް ސިޓީތަކަށް އާސަންދައިގެ ދަށުން ބޭސް ނެގޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފި އެވެ.


އާސަންދަ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ، އެމްބީއެސް އިން ދޫކުރާ ބޭސް ސިޓީތައް، އާސަންދައިގައި ރަޖިސްޓަރީ ވެފައިވާ ބޭސްފިހާރަތަކުން މިހާރު ބަލައި ގަންނާނެ ކަމަށެވެ.

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސަސްގެ ބޭސް ސިޓީތަކަށް އާސަންދައިގެ ދަށުން މިހާތަނަށް ބޭސް ދޫނުކުރާތީ އެތައް ބަޔަކު އައީ ޝަކުވާ ކުރަމުންނެވެ.

އެމްބީއެސް އާއި ތެެލެސީމިއާ ސެންޓަރުގެ ބޭސް ސިޓީގައި ހުންނަ ބޭސް އާސަންދައިގެ ދަށުން މީގެ ކުރިން ލިބެނީ، އާސަންދަ އިން ގަބޫލުކުރާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން އެ ބޭސް ސިޓީ އަލުން ދޫކުރުމުންނެވެ. އެހެން ކަން ކުރުމުން ބަލި މީހުން ދެ ބުރަށް ޑޮކްޓަރަށް ދައްކަން ޖެހެ އެވެ.

މި ނިޒާމަކީ ތަކުލީފު ބޮޑު ނިޒާމެއް ކަމަށް ވުމުން، މި ކަމަށް ހައްލެއް ހޯދައިދޭން ތެލެސީމިއާ ހުންނަ ކުދިންނާއި އެކުދިންގެ އާއިލާއިން ދިޔައީ އެދެމުންނެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ފަސޭހަ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ބަލި ހުންނަ މީހުންނަށް ބޭނުންވާ ލެ އާއި އެހެނިހެން ވަސީލަތްތައް، އެ މީހަކު ދިރިއުޅެވޭ ރަށަކުން ލިބޭނެ ގޮތް މި ސަރުކާރުން ވަނީ މިދިޔަ ޑިސެމްބަރު މަހު ހަމަޖައްސައިފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން، ލޭ ހަދިޔާ ކުރާ މީހުންގެ ޑޭޓާ ބޭހެއް އެކުލަވައިލާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.

ތެލެސީމިއާ އަށް ފަރުވާ ހޯދަން 270 ވަރަކަށް ކުދިން ރަޖިސްޓަރީ ވެފައިވާ ވެ އެވެ.