ހުއްދަ ހިފެެހެއްޓުމާ އެކު ގިނަ އަދަދެއްގެ ކެމިކަލް ކަސްޓަމުން ނުނެރެވިފައި!

ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުން ޑިފެންސް މިނިސްޓްރީން މަޑުޖައްސާލުމާ އެކު، ގިނަ އަދަދެއްގެ ކެމިކަލް ކަސްޓަމުން ނުނެރެވިފައި ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ޑިފެންސް މިނިސްޓްރީން އެ ހުއްދަ ދިނުން މަޑުޖައްސާލީ، ކެމިކަލް ގުދަންތައް ތިލަފުށީގައި ހަދައި ނިމެންދެނެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކެމިކަލް އެތެރެކުރުމާ ގުޅޭ ގައިޑްލައިންތަކެއްގެ ދިރާސާތަކެއް ހަދަމުން އަންނާތީ އެ އެއްޗެހި އެތެރެކުރުމުގެ ހުއްދަ ދިނުން މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމީ ވަކި ވައްތަރެއްގެ ކެމިކަލް އެތެރެކުރުމަށް އެކަނި ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ހުއްދަދިނުން މަޑުޖައްސާލީ، މިދިޔަ މަހު މާލޭގައި ހިނގި އަލިފާނުގެ ދެ ހާދިސާއާ ގުޅިގެން ކަމަށެވެ. އެކަމަކު މާލެ ނޫން އެހެން ރަށެއްގައި ކެމިކަލް ގުދަންކުރާ ނަމަ، އެކަމުގެ ހުއްދަ ދޭނެ ކަމަށް ވިދާޅުވި އެވެ.

ކެމިކަލް އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ވިދާޅުވީީ، ކެމިކަލް ކްލިއަކުރުމުގެ ހުއްދަ އަށް މިދިޔަ ހަފުތާގައި މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މާލޭގައި ކެމިކަލް ސްޓޯކުރުމުގެ ހުއްދަ ދިނުން މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ކުންފުންޏަކީ ފޮޓޯ ސާފުކުރަން ބޭނުންކުރާ ކެމިކަލް އެތެރެކުރާ ކުންފުންޏެކެވެ. އެއީ ނުރައްކާތެރި ކެމިކަލަކަށް ނުވާތީ، މާލޭގައި އެ ކެމިކަލް ގުދަންކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް ރަސްމީކޮށް ހުށަހެޅުމުން އެ ފުރުސަތު ލިބިދާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނުރައްކާއެއް ނެތް ނަމަ، އެ ގުދަން ކުރުމުގެ ހުއްދަ ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެމީހުން ބުނި ތިލަފުށީ ގުދަންތައް ނިމެންދެެން ކެމިކަލް އެތެރެކުރަން ހުއްދަ ނުދޭ ކަމަށް. ތިލަފުށީ ގުދަންތައް ނިމުނަސް އަޅުގަނޑުމެން މި ބޭނުންކުރަނީ ކޮންމެ ދުވަހަކު ވެސް ބޭނުންވާނެ ކެމިކަލެއް،" އޭނާ ވިދާޅުވި އެވެ.

ކެމިކަލް ކްލިއަ ނުކުރެވި ލަސްވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރާ ކަމަށާއި އަދި އެހެން ބައެއްގެ އިހުމާލުން އެކަންކަން ނުކުރެވުމަކީ ގެއްލުން ލިބޭނެ ކަމެއް ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ޝިޕްމަންޓް އަންނަތާ 10 ދުވަސްތެރޭގައި ކްލިއަނުކުރެވިއްޖެނަމަ ކޮންމެ ދުވަހަކަށް 20 ޑޮލަރު (300 ރުފިޔާ) އަރާނެ އެވެ.

ކެމިކަލް އެތެރެކުރާ ކޮންމެ ޝިޕްމެންޓަކަށް ޑިފެންސް މިނިސްޓްރީގެ ހުއްދަ ވަކިން ނަގަންޖެހޭނެ އެވެ. ކަސްޓަމްސް އިން އެ ކްލިއަ ކޮށްދޭނީ ހުއްދަ ލިބުމުންނެވެ.

މާލޭގައި މިިދިޔަ މަހުގެ 20 ވަނަ ދުވަހު ހިނިގި އަލިފާނުގެ ހާދިސާއަށްފަހު ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ގުދަންތައް ހެދުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނިން އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލުކޮށްފައި ވެ އެވެ.