ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދެއް އެކުލަވާލައިފި

ފަނޑިޔާރުކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގެ އުސޫލުތަކަށް ބަދަލު ގެނެސް، ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދަކަށް އަމަލުކުރަން ފަށައިފި އެވެ.


ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ކުރިން އޮންނަނީ ވަކި ގަވާއިދުތަކެކެވެ. އެގޮތުން، ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން އަމަލު ކުރަމުން އައީ ތަފާތު ދެ ގަވާއިދަކަށެވެ.

އެކަމަކު، މިދިޔަ ހޯމަ ދުވަހު ޖޭއެސްސީން އާންމުކޮށް، އަމަލު ކުރަން ފެށި ގަވާއިދަކީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދެވެ. ކުރިން އަމަލު ކުރަމުން އައި ގަވާއިދުތަކާ ތަފާތުކޮށް، އެ ގަވާއިދުގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދޭ ކްރައިޓީރިއާތައް އޮތީ ތަފާތުކޮށެވެ.

ފަނޑިޔާރުކަމަށް ކުރިން ކުރިމަތިލައްވާ ބޭފުޅުންނަށް މާކްސް ދިނުމުގައި ދުސްތޫރީ އަދި ގާނޫނީ އިލްމާއި ޝަރީއާގެ ބައި ވެސް ހިމެނޭ ގޮތަށް ވަކިވަކިން މާކްސް ދޭ ގޮތަށް އޮތަސް، އާ ގަވާއިދުގައި ވާ ގޮތުން ތައުލީމީ އަދި ތަޖްރިބާގެ ބައިގެ އިތުރުން އިންޓެގްރިޓީގެ ބަޔަށް ވެސް މާކްސް ދޭނެ އެވެ.

އޭގެ ފަހުން، އިންޓަވިއު އަށް ބަލައި، ތިން ދަރަޖައަކުން ކުރެ ދަރަޖައެއް އެ މީހަކަށް ދޭންޖެހޭ ގޮތަށް ގަވައިދުގައި ހިމަނާފައި ވެ އެވެ. އެގޮތުން ހައިލީ ރެކޮމަންޑަޑް ނުވަތަ ރެކޮމަންޑަޑް ނުވަތަ ނޮޓް ރެކޮމަންޑަޑް ދަރަޖައިން ކުރެ ދަރަޖައެއް ދޭން ޖެހެ އެވެ.

އާ ގަވާއިދު ބުނާގޮތުން، ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ އިންޓަވިއު އިން އެންމެ މަތީ ދަރަޖަ ލިބޭ ބޭފުޅުން ތަރުތީބުން ލިސްޓް ކުރުމަށް ފަހު ކޮމިޝަނަށް ހުށަހަޅައި، އެ ލިސްޓުގައިވާ ތަރުތީބުން ވޯޓަށް އަހައިގެންނެވެ. އެކަމަށް ކޮމިޝަންގައި ނަގަން ޖެހޭނީ ސިއްރު ނޫން ވޯޓެއް ކަމަށް ވެސް އެ ގަވާއިދުގައި އެވެ.

ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދަކަށް އަމަލުކުރަން ފެށިއިރު، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.