މިއީ ވެހެން ފަށައިފިއްޔާ ދިގުދެމިގެން ދާ ވިއްސާރަ!

ވިއްސާރައިގެ ސަބަބުން ގެޔަށް ނުދެވި މިސްކިތުގައި މަޑުކޮށްލައިގެން ހުރި ޒުވާނެއްގެ ކައިރިއަށް ޖެހިލުމަށް ފަހު ދުވަސްވީ މީހަކު ވާހަކަ ދައްކަން ފެށި އެވެ. އޭނާ ބުންޏެވެ: "ކޮއްކޯ ހައިރާންވާނެ ކަމެއް ނެތް! މިއީ ބޭބެމެންގެ ޒުވާން އިރު ވެސް ވިއްސާރަކުރާ ގޮތް. މި ނަކަތުގައި ވެހޭ ވާރޭ އަވަހަކަށް ހުއްޓައެއް ނުލާނެ، ފެން އޮއްސާނީ."


މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މި ފެންނަނީ އެ ތަނެވެ. އެކަމަކު ނަކަތަށް ބަލައިގެން މޫސުން ބުނެއުޅުނު ދުވަސްވަރުގެ މީހުންނަށް މި ވިއްސާރައިން އާދަޔާ ހިލާފު އެއްވެސް ކަމެއް ނުފެނެ އެވެ. ހުޅަނގު މޫސުމުގެ ހިތަ ނަކަތުގައި އޮންނާނީ، އެ މީހުން ބުނާ ގޮތުން ނަމަ، ދިގުލައިގެން ދާ ވިއްސާރަ އެވެ.

ދިވެހި ނަކަތާއި މިހާރުގެ މޫސުމީ ބަދަލުތަކާ ދިމާނުވާ ފަހަރު އާދެ އެވެ. އަދި ރާއްޖޭގެ ދެ މޫސުން ފެށޭ އިރާއި ނިމުން، މެޓް އޮފީހުން ބަލާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިސާލަކަށް ހުޅަނގު މޫސުން ފެށެނީ، ކުރިން ބަލަމުން އަންނަ ގޮތުން ނަމަ، އައްސިދަ ނަކަތުން ކަމަށް ވިޔަސް، މެޓުން ސީދާ އެހެންނެއް ކަނޑައެއް ނާޅަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫގައި ފެންބޮޑުވެފައި: މިދުވަސްވަރު މުޅި ރާއްޖެއަށްވެސް ދަނީ ވިއްސާރަ ކުރަމުން-- ފޮޓޯ: މިހާރު

ހިތަ ނަކަތްތަ؟ ހެއި ނަކަތްތަ؟

އެކަމަކު ރާއްޖޭގެ ނަކަތްތައް ނިސްބަތްވާ މޫސުމީ ހާލަތްތައް މިހާރު ވެސް ބައެއް ފަހަރަށް ވަރަށް ބަރާބަރަށް ދިމާވެ އެވެ. އެހެންކަމުން މި ދުވަސްވަރުގެ ވިއްސާރަ މި އޮތީ، ހުޅަނގު މޫސުމުގެ ބޯ ވާރޭގެ ތެރެއަށް ރާއްޖެ ގެންގޮސްދޭ ހިތަ ނަކަތާ ދިމާވެފަ އެވެ.

މި ވިއްސާރަ އެއް ބަޔަކަށް މިހާރު ދިގުވެއްޖެ އެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނަތީޖާއޭ ވެސް ބައެއް ޒުވާނުން ބުނެ އެވެ.

ނަކަތަށް ބަލާ ކަމަށްވަންޏާ ދެން ވެސް އޮތީ ވިއްސާރަ އެވެ. އެއީ މަޝްހޫރު ހެއި ނަކަތެވެ. އަންނަ ހުކުރު ދުވަހު ފެށޭ އެ ނަކަތުގައި ގަދަ ވަޔާ އެކު ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މުސްކުޅިން ބުނެ އުޅެ އެވެ. ކުރީގައި ނަމަ ބައެއް ދިވެހިން އެ ނަކަތް ސިފަކުރަނީ "މަހަށް ނުފުރި، ރުކަށް ނޭރޭހާ ވިއްސާރަ ދުވަސްވަރެއް"ގެ ގޮތުގަ އެވެ.

ރިޔަލު އޮޑިފަހަރުގައި ރާއްޖެ އިން ބޭރަށް ދަތުރުކުރި މާލިމީއެއް ކަމަށްވާ މުހައްމަދު ޔޫސުފް، 78، ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނަކަތްތައް މިހާރު ގިނަ ފަހަރަށް ދިމާނުވާ ކަމަށެވެ. ކަލަންޑަރު ބުނާ ގޮތުން މިއީ ހިތަ ނަކަތް ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން ބޮޑަށް ބެލެވެނީ މިއީ ހެއި ނަކަތް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ދޮންދޫނި އަތުވެއްޖެ. ކުރިން އެކަން ވާނީ ހެއި ނަކަތުގައި. މޫސުމަށް އަންނަ ބަދަލުތަކުން ދުވަސްތައް ބަދަލުވަނީ މި،" ޒުވާން ދުވަސްވަރު އިންޑިއާ އާއި ސްރީ ލަންކާއަށް ގިނަ ދަތުރުތަކެއް ކުރި މާލިމީ ބުންޏެވެ.

އޭނާ ބުނީ ހޭ ނަކަތަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެއް ކަމަށެވެ. ހެއި ނަކަތުގައި އާންމުކޮށް ވައި ޖެހޭނީ ހުޅަނގުންނެވެ. އެކަމަކު މި ދުވަސްވަރު ކޮންމެ ދިމާލަކުން ވިލާގަނޑެއް ނެގިޔަސް ވާރޭ ވެހިދާނެ އެވެ.

"ކަޅު ކޮއްލި ދިމާލަކުން [ވިއްސާރަ] އަތުވެދާނެ. ހުޅަނގުން ވިޔަސް، އިރުމަތިން ވިޔަސް އަތުވެދާނެ،" 14 އަހަރަށް ވުރެ ގިނަ ދުވަހު މާލިމީއަކަށް އުޅުނު މުހައްމަދު ކިޔައިދިނެވެ.

ވިއްސާރަ ދުވަހެއްގައި މާލޭގައި ބަޔަކު ދަތުރު ކުރަނީ: މި ދުވަސްވަރު މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުން-- ފޮޓޯ: މިހާރު

ވައި ގަދަ ވުމުގެ ސަބަބުން ހެއި ނަކަތުގައި ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވެ އެވެ. އެހެންކަމުން ކުރީގައި މިއީ ކަނޑު ދަތުރުފަތުރު ނުކޮށް ރަށުގައި މަޑުކޮށްގެން، ނުވަތަ ފަޅެއްގައި ބަނދަރުކޮށްގެން ދަތުރުވެރިން ތިބޭ ދުވަސްވަރެވެ.

ދިވެހި ނަކަތްތައް ކުރިއެކޭ އެއްގޮތަށް ދިމާވާ ނަމަ މޫސުން ރަނގަޅުވާނީ ޑިސެމްބަރު މަހު އަންނަ މުލަ ނަކަތުގަ އެވެ. އެ ނަކަތް ފެށެނީ ޑިސެމްބަރު 10 ގަ އެވެ. ކުރިން ބުނެއުޅޭ ގޮތުން ނަމަ އެއީ ހުޅަނގު މޫސުން ނިމި އިރުވާ މޫސުން ފެށުމެވެ. އެކަމަކު މިއީ ވައި ގަދަ، ކަނޑުތައް ވެސް ގަދަވާ ނަކަތެކެވެ.

ނަކަތްތައް ދިމަލެއް ނުވޭ: މެޓް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް)ގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ މިހާރު ވިއްސާރަ ކުރަނީ ވަކި ދުވަސްވަރެއްގައި ނޫން ކަމުން ނަކަތްތަކާ ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"އަހަރުގެ އެކި މަސްތަކުގައި މިހާރު ވިއްސާރަ ކުރަނީ. އެހެންވެ ނަކަތްތަކާ ދިމާވާނެ ކަމަކަށް ނުބެލެވޭ،" އަހުމަދު ވިދާޅުވި އެވެ.

މެޓުން ލަފާކުރާ ގޮތުގައި މިއަދު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވެ އެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ޔަގީނެވެ. އެއާ މެދު ދެބަސްވެވޭކަށް ނެތެވެ. ހަމައެހެން "ދިމާވެ، ދިމާނުވެ" ދައުރުވާ ނަކަތްތަކަށް ވެސް، ކުރީ ޒަމާނުގެ ސިފަ ޖެހިގެންދާ ދުވަސްވަރެއް އާދެ އެވެ. އެގޮތުން މިހާރުގެ މި ވިއްސާރަ މިދަނީ ހުޅަނގު މޫސުމުގެ ބޯ ވާރެއާ ދިވެހި ކާބަފައިން ކުރިމަތިލި ގޮތަށް، "ފެނުގެ ނަކަތްތަކާ" ގުޅިގެންނެވެ.