ފާޑުކިޔުން މަދު ކުރޭ، އަމިއްލަ އަށް ކުރިއަރަން ފުރުސަތު ދީ: ރާއްޖެ

ބޭރު ދުނިޔޭގެ ފާޑުކިޔުން އޮންނަންޖެހޭނީ ވަކި ވަރެއްގައި ކަމަށް ބުނެ، މުއައްސަސާތަކަށް އަމިއްލަ އަށް ކުރިއަރަން ފުރުސަތު ދޭން ރާއްޖޭން ރޭ ދުނިޔެ އަށް ގޮވާލައިފި އެވެ.


މިހާރު ކުރިއަށް ދާ އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި ގޮތުގައި ޑިމޮކްރެސީ ގެނައުމުގެ މަސައްކަތް ރާއްޖޭން ފެށީ މީގެ ދިހަވަރަކަށް އަހަރު ކުރިންނެވެ. އެ މަސައްކަތުގެ ދަށުން ގާއިމްކުރި މުއައްސަސާތައް، ތަޖުރިބާ އާއި ހާލަތަށް ބަލައި ހަރުދަނާވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އާސިމް ވިދާޅުވި ގޮތުގައި ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔަން ޖެހޭނެ އެވެ. އެކަމަކު، އަބަދު ފާޑު ކިޔާ ނަމަ ކުރިއަރާނެ ފުރުސަތު ނުލިބޭނެ ކަމަށާއި އެހެންވެ ފާޑުކިޔުން އޮންނަން ޖެހޭނީ ވަކި މިންވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ފަރާތްތަކާ އެކު ރާއްޖޭން އަބަދު ވެސް މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އާސިމް ރޭ އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ.-- ފޮޓޯ: އދ.

ފޮރިން މިނިސްޓަރު އެހެން ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނިތާ އެއް ދުވަސް ފަހުންނެވެ. ރާއްޖެ އަށް ކުރިން ހުށަހެޅި ހަ ކަމެއް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފަައި ނުވާ ކަމަށް ބުނެ، އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ސީމެގުން ވަނީ ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ކޮމަންވެލްތާއި އދ.ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ ގިނަ ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމާއި އަސާސީ ހައްގުތައް ގެއްލެމުން ދާ މައްސަލަ އެ ފަރާތްތަކުން ހާއްސަކޮށް ފާހަގަކުރެ އެވެ. މިހާރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އަބުރު ރައްކާތެރިކުރުމަށް ބުނެ ހިޔާލު ފާޅުކުރުން ހަނިކުރަން ފާސްކުރި ގާނޫނާއި އެއްވެ އުޅުން ހަނިކުރި މައްސަލައިގަ އެވެ.

ބޭރު ދުނިޔެއާ އެކު ރާއްޖޭން މަސައްކަތް ކުރާނެ ކަމަށް ބުންޏަސް، ކޮމަންވެލްތުން ވަކިވާން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އިރު، ސީމެގުން މިދިޔަ ހުކުރު ދުވަހު ނިންމި ނިންމުމާ އެކު ކޮމަންވެލްތުން ވަކިވުމުގެ މައްސަލަ އަވަސް ކުރާނެކަން ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ހާމަކޮށްފަ އެވެ.