ރިލްވާން މައްސަލާގައި ޕާސްޕޯޓް ހިފެހެއްޓި މީހަކު އިސްތިއުނާފަށް

މީގެ ފަސް އަހަރު ކުރިން ވަގަށް ނެގި ނޫސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭ ގޮތުން، ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު ޕާސްޕޯޓް ހިފެހެއްޓި 15 މީހުންގެ ތެރެއިން މީހަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.


މިދިޔަ މަހު ކްރިމިނަލް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ އަލީ ޝިޔާމް ނަމަކަށް ކިޔާ މީހެކެވެ. އެ މައްސަލާގެ އަޑު އެހުންތަކެއް އަދި ނުފަށަ އެވެ.

އެކަމާ ގުޅޭގޮތުން ހައި ކޯޓުން ވާހަކައެއް ނުދެއްކި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނަމަވެސް އަދި އަޑުއެހުންތައް ފަށަން ތާވަލެއް ނުކުރެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރާ އަލީ ޝިޔާމަކީ ޑިސެމްބަރު 10، 2010 ގައި އާޓިފިޝަލް ބީޗުގައި ދީނީ މިނިވަން ކަމަށް ގޮވާލައި ބަޔަކު މުޒާހަރާއެއް ކުރިއިރު އެ މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އެތަނަށް ދިޔަ މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ. އެ މީހުންނާއި މުޒާހަރާކުރި މީހުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން މިދިޔަ މަހު ވަނީ ރިލްވާން ގެއްލުވައިލުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ހާމަކޮށްފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރިލްވާން ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރައްވާފައިވެ އެވެ. ރިލްވާން ގެންދިޔަ ކާރުގައި ތިބި މީހުންނާއި އެރުވި އުޅަނދު ފަހަރުގެ މައުލޫމާތާއި އެ ތަކެތީގެ ވެރިންގެ މައުލޫމާތު ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ. ރިލްވާން ވަނީ ރާއްޖޭން ބޭރަށް ގޮސްފައި ކަމަށް ދެއްކުމަށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ދެ ފުލުހަކު މަސައްކަތް ކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

އެ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލަ އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެ އާއި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކާއި ބައެއް ވިޔަފާރިތައްވެސް ހިމެނެ އެވެ.