ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތްދޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ޚިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް އެކުލަވައިލި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.


ސަރުކާރުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލްގައި، ނޭދެވޭ އަމަލުތަކާ ގުޅޭ މައުލޫމާތު ހުށަހަޅާނެ އުސޫލުތައް ބަޔާންކޮށްފައި ވެ އެވެ.

ވިސްލްބްލޯ ކުރާ މީހާ އަށް ލިބި ދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެ ފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯ ކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހްގީގުކޮށް، ފިޔަވަޅު އެޅުން ހިމެނެ އެވެ.

ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ކުރިން ރާއްޖޭގައި ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ގާނޫނުގައިވާ ގޮތުން މައްސަލަތައް ހުށަހެޅުމަށް، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަންގައި ޔުނިޓެއް ހަދަން ޖެހެ އެވެ. އެ ޔުނިޓްގެ އެންމެ އިސްވެރިޔާ ހަމަޖައްސާނީ ބިލްގައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން ހިމެނެ އެވެ.

ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ އެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ.