ފުށިދިއްގާގެ މައްސަލަ އަށް ފަހު، ތަރައްގީކުރާ ހުރިހާ ރިސޯޓެއް އިންސްޕެކްޓް ކުރަނީ

އދ. ފުށިދިއްގާއިން ގަވައިދާ ހިލާފަށް މާލީ މަންފާ ހޯދަމުންދިޔަ މައްސަލައެއް ފެންމަތިވުމާ އެކު، ހަދަމުން އަންނަ އެހެން ރިސޯޓްތައް ވެސް އިންސްޕެކްޓް ކުރަން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފުށިދިއްގާއިން އަމިއްލަ ފަރާތަކުން ގަވައިދާ ހިލާފަށް ހިންގި ޖަރީމާއާ ގުޅިގެން މިހާރު ތަރައްގީ ކުރާ ހުރިހާ ތަނެއް އަންނަ މަހުގެ 17 ގެ ކުރިން ބަލާ ފާސް ކުރާނެ ކަމަށެވެ. އެގޮތުން 115 ތަނެއް ބެލުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ތަންތަނުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދެނެގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ

ޓޫރިޒަމް މިނިސްޓްރީން ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން 70 ރަށެއްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަންކަން ވެސް ބަލައި ހުއްޓިފައިވާ ރަށްރަށާ މެދު ގޮތްތައް ނިންމާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ފުށިދިއްގާގައި ބަންގްލަދޭޝް ދެ މީހުން އުޅޭ އިރު އެ ދެ މީހުންގެ އަތުގައި ވޯކްޕާމިޓް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ދޫކުރި މުއްދަތު ހަމަވެފައިވާ ވަރުވާ ޑޮކިއުމެންޓެއް އެ ރަށަށް ދާ މީހުންނަށް ދައްކަމުންދާކަން އެނގޭ ކަމަށެވެ.

ފުށިދިއްގާގައި އުޅޭ ބިދޭސީ މުވައްޒަފުން ދިރިއުޅޭ ކޮޓަރި-- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި އެ ރަށަށް ޓޫރިސްޓުން ގެންގޮސް ފައިދާ ހޯދަމުން ދިޔައީ، މ. ހަސްތީ، އަހްމަދު ޚަލީލަށެވެ. އޭނާ އަށް އެ ރަށް ވަރުވާ އަށް ދިނީ 2009 ވަނަ އަހަރު އެވެ. ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

"އެ ރަށުގައި ތިޖޫރިއެއް ވެސް ހުރޭ. އެ ރަށަށް އަރާ މީހުންގެ އަތުން ފީގެ އިތުރުން ޓިޕްސްގެ ގޮތުގައި ވެސް ފައިސާ ހޯދާކަން ފެންނަން އެބަ ހުރި. އަދި ގާނޫނާ ހިލާފަށް ބައިތިއްބާފައި ތިބި ބަންގްލަދޭޝް ރައްޔިތުންނާ މެދު ކަންތައް ވެސް އަމަލު ކޮށްފައިވަނީ ވަރަށް އިހާނެތިކޮށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރޭގަނޑު އެ ރަށުގައި އެއްވެސް އަލިކަމެއް ނުހުންނަ ކަމަށާއި ޖަނަރޭޓަރެއް ހުއްޓަސް އެ ބޭނުން ކުރަނީ ރަށަށް އަރާ މީހުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެ ރަށުގައި ހިދުމަތްތައް ދިނުމުގައި އުޅޭ ދެ ބިދޭސީން ރޭގަނޑު އުޅެނީ ފުޅި ބައްތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އިއްޔެ ފެނިގެންދިޔަ ކަމެއް ތަކުރާރުވެގެންދާ ކަށެއް. އެކަމުގެ ކަންބޮޑުވުންތައް ފެނިގެން ހިނގައްޖެ. އެހެން ނަމަވެސް ދައުލަތާއި ރައްޔިތުންނަށް ބުރައެއް ނުވާނެހެން މީއޭ ހައްލުކުރުމަށް ކުރެވެން ހުރިހާ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ފުށިދިއްގާ ދިނުމުގައި މޯލްޑިވިއާނާ އާއި އެޗްއެމްއެޗާ އެކު ކުރީގެ ސަރުކާރުން މުއާމަލާތްތައް ހިންގާފައިވާ އިރު އެ ރަށުގެ މައްސަލަ ފުލުހުން ބަލާ ނިމެންދެން އެ ރަށާ މެދު އެއްވެސް ގޮތެއް ނުނިންމާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މުއްދަތުގައި އެ ރަށަށް އެއްވެސް ކުންފުންޏަކަށް ނޭރޭނެ ކަމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވާ އިރު މޯލްޑިވިއަނާގެ ބޭރުގެ ހިއްސާ އޮންނަ މީހުންގެ ޓީމެއް މިއަދު މާލެ އަންނާނެ އެވެ. އަދި އެ ރަށަށް އެރުމުގެ ހުއްދައަކަށް ޓޫރިޒަމް މިނިސްޓްރީ އަށް އެދިފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރިސޯޓު ތަރައްގީ ކުރުމަށް ތިން މިލިއަން ޑޮލަރަށް އެޗްއެމްއެޗަށް ފުށިދިއްގާ ދޭން ނިންމި ނަމަވެސް ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން މިހާތަނަށް ދައުލަތަށް ދެއްކީ 1.3 މިލިއަން ޑޮލަރެވެ. އަދި މޯލްޑިވިއަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގައިވާ ގޮތުން ސަރުކާރުން އޭރު އެދުނު އަދަދު ކަމަށްވާ ހަ ލައްކަ ޑޮލަރު އެ ކުންފުނިން ކަނޑައެޅި މުއްދަތުގައި ދައްކާފައިވެ އެވެ. މި މުއާމަލާތްތައް ހިންގާފައި ވަނީ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.

ފުށިދިއްގާގައި ހިނގައިދިޔަ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށުގެ ނާޖައިޒް ފައިދާ ހޯދާ ނަމަ އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިނެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ 7223131 އަދި 9423131 ނަންބަރެވެ.