ޝަރީއަތް ނިމެންދެން ކުރާ ބަންދު މަހަކު އެއް ފަހަރު ޕީޖީ މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު ކަނޑައަޅުއްވައިފި

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައަޅުއްވައިފި އެވެ.


ޖިނާއީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތަށް ބަންޑާރަ ނައިބު މިއަދު ގެންނެވި އިސްލާހު އޮތްގޮތުން، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ އެންމެންގެ ބަންދު އަމުރު ކޮންމެ 30 ދުވަހަކުން ޕީޖީ މުރާޖައާ ކުރަން ޖެހޭނެ އެވެ. އަދި އެގޮތަށް މުރާޖައާ ކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުޖެހޭ މީހުންގެ ބަންދު އަމުރު ބާތިލްކޮށް، އެ މީހުން ދޫކޮށްލުމަށް އެދި ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ސިޔާސަތަށް ގެނައި އިސްލާހުގައި ވެ އެވެ.

މީގެ އިތުރުން، އެކަމަށް ކުރާ މަސައްކަތުގެ ތަފްސީލު ބަޔާންކޮށް، ޚާއްސަ ރިޕޯޓެއް ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީޖީ ހުށަހަޅަން ޖެހޭ ގޮތަށް ވެސް އެ ސިޔާސަތުގައި މިހާރު ހިމަނާފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު މައްސަލަ ނުނިމި، "ވާނުވާ" ގައިި އެތައް އަހަރެއް ހޭދަކުރަން ޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.