އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފި

އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބީލަމަށް ހުޅުވައިލުމުން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.


އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓް އޮންނަ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އޮގަސްޓް މަހުގެ 4 އަށް ހަމަވި އިރު، އަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެކަމަކު ޕްރޮޕޯސަލް ހުށަހެޅީ ތިން ފަރާތަކުން ކަމަށް ވިދާޅުވި އެެވެ.

ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ގަމުގައި މިހާރު ވެސް ފްލައިން ސްކޫލެއް ހިންގާ ސްރީ ލަންކާގެ ކުންފުންޏަކާއި އިނގިރޭސިވިލާތުގެ ކުންފުންޏެއް ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ފްލައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލައި، ޕްރޮޕޯސަލްތަކެއް ލިބުނު ނަމަވެސް އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް މި ވަގުތު އަދި ކުރިއަކަށް ނުދެ އެވެ. އެކަމަކު މި މަހުގެ ތެރޭގައި އެކަމާ ގުޅޭ ތަފުސީލުތައް ހާމަކުރާނެ ކަމަށް އޭއައިއޭ އިން ބުންޏެވެ.

ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ހުޅުވައިލީ 2010 އިން ފެށިގެން ގަމުގައި ފްލައިން ސްްކޫލް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެތަން ބަންދު ކުރަން ނިންމާފައިވާތީ އެވެ. ފްލައިން ސްކޫލް ހިންގަން ހަދާފައި އޮތް އެއްބަސްވުން އާކުރަން އޭއޭއޭ އިން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

އަނެއްކޮޅުން ފްލައިން ސްކޫލްގެ ހުއްޓައިލަން ނިންމި މައިގަނޑު އެއް ސަބަބަކީ އެތަނަށް ބިމު ކުލީގެ ގޮތުގައި އޭއައިއޭ އިން ހުށަހެޅި އަގު ބޮޑުވުމުން ކަމަށް ވެސް އޭއޭއޭ އިން ބުނެފައިވެ އެވެ.

އެހެންވެ ފްލައިން ސްކޫލް އަންނަ އަހަރު ނ. މާފަރަށް ބަދަލުކުރަން އޭއޭއޭ އިން އަންނަނީ ތައްޔާރީތައްވަމުންނެވެ.