ކައްކަން އުދާފައި މީހަކު ނެތް، އަލިފާން ނިއްވާލީ ފުލުހުން

ގަލޮޅުގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގިއިރު ވެސް އެ ގޭ މީހެއްގެ ހިލަމެއް ނުވެގެން ފުލުހުން އެ ގެއަށް ވަދެ އަލިފާން ނިއްވާލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގ. މެސްކޮޓް ގޭގެ އަށް ވަނަ ފަންގިފިލާއިން ދުން އަރާތީ ރޭ 1:10 ހާއިރު އެ އެޕާޓްމަންޓުގެ ދޮރުގައި ޖެހި ކަމަށެވެ. ނަމަވެސް ދޮރު ނުހުޅުވުމުން ފުލުހުން އެތެރެއަށް ވަނީ ދޮރު ވައްޓާލައިގެންނެވެ.

އެތެރެއަށް ވަންއިރު އަލިފާން ރޯވެފައި ވަނީ އުދާފައިހުރި ތެއްޔެއްގައި އަލިފާން ހިފުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ވަދެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލިއަސް އިމާރާތުގެ ތެރޭގައި ދުމުގެ އަސަރު ހުރުމުން އެ ގޭގެ ހުރިހާ އެޕާޓްމަންޓަކުން މީހުން ހުސްކުރި އެވެ.

މީހުން އަލުން ވައްދާފައިވަނީ ދުމުގެ އަސަރު ކެނޑުމުންނެވެ.

މެސްކޮޓް އަކީ، ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ ގެ އެވެ. ނަމަވެސް ރޯވީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ކަމެއް ސާފެއް ނުވެ އެވެ.