ރާއްޖެ އަށް މީހުން ޓްރެފިކްކުރާ މީހަކު އިންޑިއާ އިން އަތުލައިގެންފި

ރާއްޖެއަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވަމުން އައި "ހިއުމަން ޓްރެފިކިން ރެކެޓް" އެއް އިންޑިއާ ފުލުހުން ހޯދައި އެކަމުގައި ބޮޑަކަށް ހުރި މީހާ ހައްޔަރުކޮށްފި އެވެ.


އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ މީހުން ޓްރެފިކްކުރާ އެ ގްރޫޕް އަތުލައިގަނެވުނީ ރާއްޖެ އަށް އިންޑިއާގެ ބެންގަލޫރުން އައި ޒުވާނުންތަކެއް ރާއްޖޭގެ އިމިގްރޭޝަނުން ހިފަހައްްޓައި އަނބުރާ ފޮނުވާލި ހިސާބުން ކަމަށެވެ. އެ މީހުން އަނބުރައި ފޮނުވައިލުމުން އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އިންޑިއާ ފުލުހުންގެ ސްޓްރަލް ކްރައިމް ބްރާންޗް (ސީސީބީ) އިން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބެންގަލޫރުގެ ހޮޓަލެއް ބަލައި ފާސްކޮށް ޝާމްބޫ ބާބޫގިރީ ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ ނޭޕާލް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސީސީބީން އިއްޔެ އާއްމުކުރި މައުލޫމާތާ ހަވާލާދީ ނޫހުން ބުނީ ބާބޫގިރީ ހައްޔަރުކުރި އިރު އޭނާގެ އަތްދަށުވެފައި ތިބި ނޭޕާލުގެ ނުވަ ޒުވާނަކު ތިބިކަމަށާއި އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ބާބޫގިރީ ވަނީ ރާއްޖޭން ވަަޒީފާ ހޯދައިދޭނެ ކަމަށް ބުނެ އެއިން ކޮންމެ މީހެއްގެ އަތުން ތިން ލައްކަ ރުޕީސް (4،229 ޑޮލަރު) އަތުލައިފަ އެވެ.

އިންޑިއާ ފުލުހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ބާބޫގިރީ ރާއްޖެ އަށް މީހުން ފޮނުވަނީ އާރްޕީ ޝަރުމާ ނަމަަކަށް ކިޔާ މީހެއްގެ ހަވާލުގަ އެވެ. އެގޮތުން ފޮނުވާ މީހުންނާ ރާއްޖޭން ހަވާލުވާ ފަރާތުން އެމީހުންގެ ޕާސްޕޯޓް އަތުލައި، މުސާރަ ނުދީ މަސައްކަތްކުރުވާކަން ވެސް އާއްމުކުރި މައުލޫމާތުން އެނގެ އެވެ.

ރާއްޖެ އަކީ ހިއުމަން ޓްރެފިކިންގެ ކުށް ވަރަށް ގިނައިން ހިނގާ ގައުމެއް ކަމަށް އެެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރިއްސުރެ އަންނަނީ ބުނަމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ "ހިއުމަން ޓްރެފިިިކިން އިން ޕާސަންސް" ރިޕޯޓްގެ މިއަހަރުގެ އަދަދުގައި ރާއްޖެއާ ބެހޭ ގޮތުން ބުނެފައި ވަނީ ރާއްޖޭގައި އުޅޭ ގާތްގަނޑަކަށް 169،000 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު މަސަައްކަތް ކުރަމުން އަންނަނީ، މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ބެލެވޭ ހާލަތެއްގައި ކަމަށެވެ. އެ ހާލަތުގައި މަަަސައްކަތްކުރާ ގިނަ މީހުންނަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިިނާއަތުގައި އުޅޭ، އިންޑިއާ އަދި ބަންގްލަދޭޝް މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން އެމީހުންނަށް އޮޅުވައިލުން ފެށެނީ ރާއްޖެ އަށް އައުމުގެ ވެސް މާކުރިންނެވެ. ރަނގަޅު ވަޒީފާއެއް ދޭނެ ކަމަށް ބުނެ އެމީހުން އަތުން 2،000-4،000 ޑޮލަރު ނަގަނީ ރާއްޖެ އަށް ދަތުރު ފެށުމުގެ ވެސް ކުރިންނެވެ.

"އެހެންވެ، [ދިވެހި ރާއްޖެއަށް] އާދެވުމުގެ ކުރިން ދަރަނީގެ މަޅީގައި ޖެހުމަށް މަގު ފަހިވެ އެވެ،" ރިޕޯޓްގައި ބުނެފައި ވެ އެވެ.

ހިއުމަން ޓްރެފިިކިން ހުއްޓުވަން ރާއްޖޭން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިހާރު އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބޮޑު ޕްރޮގްރާމެއް ހިންގަމުންނެވެ.