ގުޅިފަޅު ހިއްކުމުގެ ގާބިލްކަން އެބަހުރި، މަޝްރޫއު ނުލިބުމަކީ ހިތާމަކުރާ ކަމެއް: އެމްޓީސީސީ

ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު އަތުން ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، ނަމަވެސް އެވަރުގެ މަޝްރޫއެއް ހިންގުމަކީ އެމްޓީސީސީ އަށް އުނދަގޫ ކަމެއް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް އަމާޒުކޮށް، މީގެ ދެ އަހަރު ކުރިން 36 މިލިއަން ޑޮލަރުގެ ޑްރެޖަރަކަށް އެމްޓީސީސީން އިންވެސްޓްކޮށްފައި ވަނިކޮށް ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ސަރުކާރުން، މި މަހުގެ 17 ގައި ދީފައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއަށެވެ.

ހަ މިލިއަން ކިޔުބިކް މީޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. މީގެ ތެރޭގައި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއް ލުން ވެސް ހިމެނެ އެވެ.

"މިވަރުގެ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން އަޅުގަނޑުމެންގެ ވެސް އެބަހުރި. އެކަމަކު އަޅުގަނޑުމެންނަކަށް މި މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނެތް،" އެމްޓީސީސީގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، "މިހާރު" އަށް ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެންނަށް ނޭނގެނީ ކީއްވެގެންކަން އަޅުގަނޑުމެންނާ ހަވާލުނުކުރީ. މި މަޝްރޫއު ހިންގުމުގައި ސަރުކާރުގެ ޕްރިއޯރިޓީ އަޅުގަނޑަކަށް ނޭނގޭ."

ގުޅިފަޅު ހިއްކުމުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޑް ސޮއިކުރައްވަނީ.

އޭނާ ވިދާޅުވީ އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް މީގެ ކުރިން ވެސް ބިޑަކާ ނުލައި އެމްޓީސީސީއާ ހަވާލުކޮށްފައިވާކަންް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ މިދެންނެވިހެން ގުޅިފަޅު މަޝްރޫގައި ސަރުކާރުގެ ވިސްނުމަކީ ކޮބައި ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. މާލޭގެ ތޮއްޖެހުމާއި ދަތިކަން ކުރިމަތިވެ މިކަހަލަ ކަމެއް އަވަހަށް ފަށަން ބޭނުންވެފައިވަނީ ކިހާ އަވަހަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެ. މީގައި ބޭނުންވެދާނެ އެމްޓީސީސީގައި މިހާރު މަޝްރޫއުތަކެއް ހުރުމާ އެކު އެހެން ބަޔަކާ ހަވާލުކޮށްގެން އަވަސްކުރަން ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު، އެއްވެސް މެދުކެނޑުމެއް ނެތި، ކުރާނެ މަސައްކަތް އެމްޓީސީސީގައި އެބަހުރި ކަމަށެވެ. އެހެންވެ، މި ވަގުތަށް "އެމްޓީސީސީ އަށް އެވަރު ރަނގަޅު" ކަމަށް ސަރުކާރަށް ފެނުނީ ކަމަށް ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު މި ދަންނަވަނީ ގުޅިފަޅުގެ މަޝްރޫއު އެމްޓީސީސީން ބޭނުން ނުވާ ވާހަކައެއް ނޫން. އެކަން ކުރަން އަޅުގަނޑުމެން ބޭނުން. އަދި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިންވެސްޓެއް ކޮށްފައި އޮއްވައި ބޭރުގެ ބަޔަކަށް ދިނުމަކީ އަޅުގަނޑު ހިތުން ރަނގަޅު ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

"މިކަން އެނގުނު ނަމަ އަޅުގަނޑުމެން ބިޑް ކުރީސް."

ބޮސްކާލިސް އަކީ ބިން ހިއްކުމުގެ މަސައްކަތުގައި ދުނިޔޭގެ ވަރުގަދަ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއުތަކުގެ ހަރަދު، އެމްޓީސީސީއާ ހަވާލުކޮށްފި ނަމަ ކުޑަކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮސްކާލިސް އަށް ވުރެ އަޅުގަނޑުމެންނަށް ހަރަދު ކުޑަކޮށް ކުރެވޭނެ. އެކަމަކު މުއްދަތު އިތުރުވެދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން އެންމެ ފަހުން ހިންގި ބޮޑު އެއް މަޝްރޫއު ކަމަށްވާ، ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފުން" ދުވާލަކު 10،000 ކިޔުބިކް މީޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެ ނިސްބަތުން ބަލާއިރު ގުޅިފަޅުގެ މަޝްރޫއު ނިންމަން އެމްޓީސީސީ އަށް ދެ އަހަރު ދުވަސް ނަގާނެ އެވެ. ބޮސްކާލިސް އިން މި މަޝްރޫއު ހިންގަން ހޭދަކުރަނީ ހަ މަސް ދުވަހެވެ.

އެމްޓީސީސީއަށް މަޝްރޫއު ލިބުނު ނަމަ ކޮންމެހެން މަހާ ޖައްރާފަށް އެކަނި ބަރޯސާނުވެ، ކަނޑައަޅާ މުއްދަތެއްގައި އެކަން ކުރެވޭނެ ކޮންނަބޯޓު ބޭރުން ކުއްޔަށް ގެނައުމުގެ ފުރުސަތު އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ވަސީލަތްތައް އިތުރުކޮށްގެން މުއްދަތު ކުޑަކުރެވޭނެ. ބޮސްކާލިސް ކަހަލަ ތަންތަނުން ވެސް މިވަރުގެ މަޝްރޫއެއް ހިންގާއިރު ވަސީލަތްތައް ހަޔާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.