ބިޝާމްގެ މަގާމު ދަމަހައްޓަނީ ނަޝީދު ކަމަށް ތުހުމަތުކޮށްފި

ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި އައިޝަތު ބިޝާމް ބަހައްޓަން ބޭނުންވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ތުހުމަތު ކުރައްވައިފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ބިޝާމް ވިދާޅުވި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ބިޝާމް ކޮމިޓީގައި ހާމަކުރެއްވި ލިސްޓުގައި ހިމެނޭ ބައެއް ބޭފުޅުން އޭނާ އަށް ވަނީ ފާޑު ވެސް ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ބިޝާމް ވަކިކުރަން މަޖިލިހުގެ ރައީސް ނަޝީދު ނޫޅުއްވަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ބިޝާމް ވަކި ނުކުރަނީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވި އެވެ.

"މިހާރުގެ ބިޝާމް ބޭރު ކުރަން ނުކެރިގެން މަޖިލިހުގެ ރައީސަށް މިއުޅެނީ ކީއްވެތޯ؟ (ރައީސް) އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭރު ކުރަން ހުށަހެޅި އޭނާގެ ނަން. ހުށަހެޅީމާ މަޖިލިހުގެ ރައީސް އަޑީގައި ހުންނަވައިގެން އެތަނުގައި ބަހައްޓަނީ ކޮން ކަމެއްގައިތޯ؟" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު. މެމްބަރު ނަޝީދު ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފައި..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް "ބާރު" ލިބިވަޑައިގެންނެވި ދުވަހު އޭނާއާ އެއްކޮޅަށް ހުންނެވީ ބިޝާމެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އާރާއި ބާރު ލިބިވަޑައިގެންނެވި ދުވަހު ބިޝާމް ހުންނެވީ އެމަނިކުފާނާ އެއްކޮޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޖިލިހުގެ ރައީސް ބުނާހާ ގޮތެއް ހަދަން ހުންނަނީ މިހާރުގެ ޕީޖީ. އެކަންތައްތައް ބަލަންވީ،" ނަޝީދު ވިދާޅުވި އެވެ.

މެމްބަރު ނަޝީދު އެގޮތަށް ވިދާޅުވި އިރު، ރިޔާސަތުގައި އިންނެވީ ނަޝީދެއް ނޫނެވެ. އެމަނިކުފާނުގެ ބަދަލުގައި ރިޔާސަތުގައި އެވަގުތު އިންނެވީ ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފެވެ.

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުވާ މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި ޕީޖީ ބިޝާމް ދެއްކެވީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މަޖިލިހުގެ ކޮމިޓީތަކަށް ކަމާ ބެހޭ މުއައްސަސާތައް ހާޒިރުކޮށް ސުވާލު ކުރުމުން ވެސް އޭނާގެ މައްޗަށް ޚިޔާނާތުގެ ތުހުމަތެއް ކުރާ ކަމަށް މުއައްސަސާތަކުގެ ބޭފުޅުން ވިދާޅުވެފައެއް ނެތެވެ. އެކަމަކު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުން މަންފާ ލިބުނު މީހުން ބަލަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އެންމެ ފަހުން އުފުލި ދައުވާތަކުގެ ޝަރީއަތް ލައިވް ކުރާ ނަމަ، އެ ހަގީގަތް އެނގޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާމިރު ތުހުމަތު ކުރެއްވި ގޮތުގައި ބިޝާމް މަގާމުން ވަކިނުކޮށް ބަހައްޓާފައި ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވި 13 އަހަރުގެ ޖަލު ހުކުމް މުރާޖައާކޮށްދޭން ޕީޖީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެކަމަކު، އާމިރުގެ ވާހަކައިގައި ނަޝީދުގެ ވާހަކައެއް ނުގެންނަވަ އެވެ. އޭގެ ބަދަލުގައި އާމިރު ވިދާޅުވީ ވަކި ބޭފުޅަކު ޖަލުން ނެރުމަށް މަންފާ ހޯއްދެވި ބޭފުޅުން ތިއްބެވި ކަމަށެވެ.

"ސިޔާސީ ބޭނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަކިކުރަން ނިންމަވާފައި އަނެއްކާ ބައިންދަން ޝަރުތަކީ އޭނާގެ ދޫ ބޭނުން ގޮތަކަށް ބޭނުން ކުރަން ކަމަށްވާ ނަމަ، އެއަށް އިންސާފެއް ނުކިޔޭނެ،" އެމްޑީއޭގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި އަދުލު އިންސާފު ގާއިމު ކުރުމަކީ "ތެޔޮ ފުޅިއެއްގެ ބޭރުގައި ލިޔާ ނަމަކުން" ކުރެވޭ ކަމެއް ނޫނެވެ. އެހެންވެ، ސިޔާސީ ބޭނުމަށް މީހުންގެ އަބުރު ކަތިލުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ވެރިން ނުކުރެއްވުމަށް އާމިރު ވަނީ ގޮވާލައްވައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ބިޝާމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމަށް ފަހު އެ ނިންމުން ފަހުން އެ ކޮމެޓީން އަމިއްލައަށް ވަނީ ބާތިލްކޮށްފަ އެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެ ޕާޓީން އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ބިޝާމެވެ. އޭރުގައި އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި ސިޔާސީ ލީޑަރުންނަށް ކުރީ ސިޔާސީ ދައުވާތަކެކެވެ. އެއީ އޭރުގެ ސަރުކާރުގެ ވެރިން އަންގަވައިގެން ކުރެއްވި ދައުވާތަކެއް ކަމަށް އެ ޕާޓީން ތުހުމަތު ކުރި އެވެ. އެކަމަކު، އޭނާ ވަކިނުކުރާ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އެބައޮތެވެ.