ފަރެސްމާތޮޑާ ގައި ޖުޒާމް ބަލި ފެތުރޭ ކަމަށް ބުނެ އާންމު ކުރި އިއުލާން އަނބުރާ ނަގައިފި

ގދ. ފަރެސްމާތޮޑާ ގައި، ރާއްޖެ އިން ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ޖުޒާމް ބަލި ފެތުރެމުން ދާ ކަމަށް ބުނެ އެ ރަށު ސިއްހީ މަރުކަޒުން އިއުލާނެއް ޖެހުނީ އޮޅުމަކުން ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.


މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ މަރުކަޒުން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ 1960 ގެ އަހަރުތަކުގައި ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ޖުޒާމް ބަލި، މިހާރު އެ ރަށުގައި ފެތުރެމުންދާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދާ މީހަކު މިހާރު ވެސް ފަރެސްމާތޮޑާގައި އުޅޭ ކަމަށް އިއުލާންގައި ވެ އެވެ.

ޖުޒާާމް ބައްޔަކީ، ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ އެ ބަލި ކޮންޓްރޯލް ކުރެވެން އޮތީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިގެން ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ. އެހެން ކަމުން އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކެއް މިދިޔަ އާދިއްތަ ދުވަހުން އިއްޔެގެ ނިޔަލަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން "މިހާރު" ން މިއަދު ސުވާލު ކުރުމުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ސޮބާހް ވިދާޅުވީ، އެ ރަށުގައި ޖުޒާމް ބަލި ފެތުރެމުންދާ ކަމަށް އިއުލާނުގައި ޖެހިފައި ވަނީ އޮޅުމަކުން ކަމަށެވެ. އެ ރަށުގައި އެ ބައްޔަށް ފަރުވާ ހޯދާ އެއްވެސް މީހަކު ހުރިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

"[ޖުޒާމް ބަލި] ފެތުރެމުންދާ ކަމަށް [އިއުލާންގައި] ލިޔެފައި ވުމަކީ އަޅުގަނޑުމެންގެ މުވައްޒަފަކަށް އޮޅިގެން ކުރެވުނު ކަމެއް،" ސޮބާހް ވިދާޅުވި އެވެ.

ނަމަވެސް، އެ އިއުލާންގައި ބުނެފައިވާ ގޮތަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޖުޒާމް ބަލި ރާއްޖޭން ނައްތާލުމަށް ޑަބްލިއުއެޗްއޯ އާއި އެޗްޕީއޭއާ ގުޅިގެން ހިންގާ ޕްރްގްރާމްގެ ތެރެއިން ކުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖުޒާމް ބަލި ފެތުރޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ބެކްޓީރިއާ އިން ޖެހޭ ޖުޒާމް ބައްޔަކީ އެ ބަލީގެ ކުރީކޮޅު ދެނެގަނެ، ފަރުވާ ކުރެވިއްޖެ ނަމަ ރަނގަޅު ކުރެވޭ ބައްޔެެކެވެ. ފަސޭހަ އިން ގައިންގަޔަށް އަރާ އެ ބަލި ގިނައިން ފާޅުވަނީ މޫނާއި ނޭފަތާއި ކަންފަތް ފަދަ ތަންތަނުންނެވެ. އާންމުކޮށް އެ ބަލީގެ އަސަރު ހުންނަ ތަންތާނގައި އިހުސާސެއް ނުހުރެ އެވެ.

ރާއްޖޭގައި ކުރިން އާންމު އެ ބަލި، 2030 ވަނަ އަހަރާ ހަމައަށް އެއްކޮށް ނައްތާލާނެ މަގު ޗާޓެއް މި އަހަރު ވަނީ އެކުލަވާލައިފަ އެވެ.