މި އަހަރު ޖުޒާމް ބަލި ޖެހުނީ ތިން ދިވެއްސަކަށް: އެޗްޕީއޭ

މި އަހަރުގެ މިހާތަނަށް ޖުޒާމް ބަލި ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ ތިން ދިވެއްސެއް ކަމަށް، ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


ގދ. ފަރެސްމާތޮޑާ ގައި، ރާއްޖެ އިން ވަރަށް ބޮޑަށް މަދު ކުރެވިފައިވާ ޖުޒާމް ބަލި ފެތުރެމުން ދާ ކަމަށް ބުނެ އެ ރަށު ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއް ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެއާ އެކު، އެ ބަލި ޖެހުން އިތުރުވާ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުގެ ބަޔާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، އެޗްޕީއޭން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެ އިން އެވްރެޖުކޮށް ޖުޒާމް ބަލި ޖެހިފައި ވަނީ 3-7 މީހުންނަށް ކަމަށެވެ. އަދި މި އަހަރު ރާއްޖެ އިން އެ ބަލި ޖެހުނީ ތިން މީހަކަށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"ލެޕްރަސީ ނުވަތަ ޖުޒާމް ބައްޔަކީ މިހާރު ވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެކެވެ،" އެޗްޕީއޭ އިން ބުންޏެވެ.

ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުގެ އިއުލާނާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެއިން ޖުޒާމް ބަލި މުޅިން ނައްތާލުމަށްޓަކައި މި އަހަރުގެ ޖޫން މަހު ހާއްސަ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. "ޒީރޯ ލެޕްރަސީ" ޕްރްގްރާމުން ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ޖިޒާމް ބައްޔަށް ސްކްރީން ކުރަން ވަނީ ފަށާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި ފަރެސްމާތޮޑާގައި ކުރިއަށް އެދަނީ އެ ޕްރްގޮރާމެވެ.

"މި ގޮތަށް ސްކްރީން ކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުމެވެ. ގދ. ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ސްކްރީނިންގް ޕްރޮގްރާމަށް ރަށުގެ ވީހާ ވެސް ގިނަ މީހުން ގެނައުމަށް ބާރު އަޅުއްވައި ރައްޔިތުންނަށް އަންގަވަމުން ގެންދަވަ އެވެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް އެ ރަށުގައި އެ ބަލި ފެތުރޭ ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭ އަކުން ނުބުނެ އެވެ.

ގައިންގަޔަށް އަރާ އެ ބައްޔަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ގަވައިދުން ބޭސް ބޭނުން ކުރުމުން އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެކެވެ.

އެޗްޕީއޭ އިން ބުނީ ޖުޒާމް ބަލި ހުރި ކަން ފާހަގަ ކުރެވޭ ކޮންމެ މީހަކަށް އެ އޮތޯރިޓީގެ ބެލުމުގެ ދަށުން ފަރުވާ ދޭން ފަށާ ކަމަށެވެ. އަދި ބަލިމީހާގެ އާއިލާ އަށާއި ގާތް މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ބުނެދީ މޮނީޓާ ކުރާ ކަމަށްވެސް ބުންޏެވެ.

އެ ބައްޔަކީ 1960 ގެ އަހަރި ތަކުގައި ރާއްޖޭގައި އާންމު ބައްޔެކެވެ. ރާއްޖޭގައި ކުރިން އާންމު އެ ބަލި، 2030 ވަނަ އަހަރާ ހަމައަށް އެއްކޮށް ނައްތާލާނެ މަގު ޗާޓެއް މި އަހަރު ވަނީ އެކުލަވާލައިފަ އެވެ.