ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތެއް ނުދޭނަން، ފިޔަވަޅު އަޅާނަން: ޕޮލިސް

ގާނޫނާ ހިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވާތީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދެއްގެ މަގުތަކާ އެނޫން ވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށަ ފުލުހުން އިސްކަންދޭ ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށްގެން ބާއްވަމުންދާކަން ފާހަގަވެފައިވާ ކަމަށް ބުންޏެވެ. އަދި ރާވައިގެން ބާއްވާ އެއްވުންތައް ވެސް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ ގާނޫނާ އެއްގޮތަށް އެއްވުންތައް ބޭއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގާނޫނާ އެއްގޮތަށް އެއްވުންތައް ބާއްވަން އިލްތިމާސްކުރިއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ތައްޔާރުކުރި މައްސަލާގައި އެ ޖަމިއްޔާ ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ކުރިން އެންގުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި ކާނިވަލް ސަރަހައްދަށެވެ.