ފިތުނަ ފަސާދަ އަށް ފުރުސަތު ނުދިނުމަށް ސިވިލް ސާވަންޓުންނަށް ގޮވާލައިފި

ސިވިލް ސާވިސްގެ މުވައްޒަފުން، ނުރަސްމީ ގަޑީގައި ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ އަދި ބައިބައިވުމާއި ދެބަސްވުން ނުވަތަ ފިތުނަ ފަސާދަ އަށް ފުރުސަތު ނުދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ގޮވާލައިފި އެވެ.


މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު އިލްތިމާސެއްގައި ބުނީ، ސިވިލް ސާވަންޓުންގެ ރަސްމީ ގަޑީގެ ބޭރުގެ ވަގުތުތަކުގައި ވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސް ކަމަށް މަގުފަހިވާ ގޮތަށް ޖާގަ ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސީއެސްސީގެ ބަޔާނުގައި ވަނީ ސިވިލް ސާވަންޓުން ރަސްމީ ގަޑީގައި މަސައްކަތާ ނުގުޅޭ ކަންކަމުގައި މަސްއޫލު ނުވުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން އަވަހަށް ދިނުމަށް ވެސް އެދިފަ އެވެ.

"އަދި ސިވިލް ސާވިސްގެ ގަވައިދު 2014 ގެ މާއްދާ 19 ގެ (ށ) އަދި 20 ގެ (ހ) އަދި (ށ) ގައި ބަޔާން ވެގެންވާ ފަަދައިން، އެ މުވައްޒަފު ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި އަބަދުމެ ކުރިއަށް ނެރެ އިސްކަންދޭން ވާނީ ގައުމީ މަސްއޫލިއްޔަތާއި، ރައްޔިތުންގެ ލާބަ އާއި މަންފާ އެވެ. ހަމަ އެފަދަައިން، އެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަން ވާނެ އެވެ،" ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޝަމީމް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިވިލް ސާވިސްގެ ގާނޫނުގެ 18 ވަނަ މާއްދާއާ ހަވާލާދީ، ސީއެސްސީން ބުނީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ވަފާތެރިކަމާއި އިޚުލާސްތެރިކަމާ އެކު ޚިދުމަތް ކުރާ ބަޔަކަށް ވާންޖެހޭކަން ހަނދާން ކޮށްދޭ ކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށާއި ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ގާބިލްކަން ބަޔަކަށް ހެދުމަށް ސީއެސްސީގެ މައްޗަށް ލާޒިމް ކުރާ ހިނދު އެ ކަން އެގޮތަށް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް އިލްތިމާސް ކޮށްފަ އެވެ.

ސީއެސްސީގެ ބަޔާނުގައި ވަނީ ގައުމީ މަސްލަހަތާ ފުށުއަރާ އަދި ގައުމީ އެއްބައިވަންތަ ކަމަށް ގުޑުން އަރާ ފަދަ ހިނގަމުންދާ ދަނޑިވަޅުތަކުގައި ވެސް މަޝްވަޜާގެ މަތިވެރި އުސޫލަށް ކަމޭހިތުމަށް އެދިފަ އެވެ.

ސީއެސްސީގެ ބަޔާން

"ކަން މިހެން އޮތުމާ އެކު، ޚިޔާލު ތަފާތުވުމާއި ބަހުސް އުފެދޭ ކަންކަމުގައި ވެސް ރުޅި އިސްނުކޮށް ކެތްތެރިކަމާއި، ހެޔޮ ވިސްނުމުގެ ބޭނުން ހިފައި ގައުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމާއި، ފިތުނަ ފަސާދަ އަށް ޖާގަ ނުދެވޭ ގޮތެއްގެ މަތިން ބަސްމަގާއި އަމަލުތައް ގެންގުޅުމަކީ މިފަދަ ކަންކަމުގައި ކަން ކުރަން އޮންނަ އެންމެ މޮޅު ގޮތް ކަމާ މެދު ޝައްކެއް ނެތެވެ،" ބަޔާނުގައި ސީއެސްސީން ބުންޏެވެ.

"އެހެންކަމުން، މީހަކު ބުނީތީ ކަމުގެ ދެކޮޅު ބެލުމެއް ނެތި، ކަންކަމުގައި ޝިއާރު ފާޅުކޮށް، ހަރުކަށި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހެދުމަކީ ސިވިލް ސާވަންޓުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ ކަންކަމުގައި ވެސް ހަނދާން ކޮށްދެމެވެ."