އެމްއާރުއެމްގެ ވަގުތީ ރައީސާއި ވަގުތީ މަގާމުތަކަށް މީހުން ހޮވުން ބުރާސްފަތި ދުވަހުގެ ރޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސާއި އިންތިގާލީ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.


އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ދީފަ އެވެ. އެ ކޮމިޝަނުން ޕާޓީ ރަޖިސްޓްރީކޮށް ދޭނީ އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.

އެމްއާރުއެމް އިން ނެރުނު އިއުލާނެއްގައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި އަސާސީ ގަވާއިދު ފާސް ކުރުމާ އެކު ގައުމީ ޖަލްސާއެއް ބޭއްވެންދެން ޕާޓީ ހިންގުމަށް އިންތިިގާލީ ރައީސާއި އިންތިގާލީ އެގްޒެކެޓިވް ކޮމެޓީ އާއި އެހެން އިންތިގާލީ މަގާމުތަކަށް މީހުން އިންތިޚާބު ކުރާނެ ކަމަށެވެ.

އެގޮތުން އިންތިގާލީ ރައީސާއި އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގެ 20 މެމްބަރުންނާއި އިންތިގާލީ ޒުވާނުންގެ ކައުންސިލްގެ ފިރިހެން މެމްބަރުންނާއި އަންހެން މެމްބަރުންނާއި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް މީހުން އެ ޖަލްސާގައި އިންތިޚާބު ކުރާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެގްޒެކެޓިވް ކޮމެޓީގެ 10 މެމްބަރުންނަކީ އަންހެން މެމްބަރުންނަށް ވާން ޖެހޭއިރު، ޒުވާނުންގެ ކައުންސިލަށް ހޮވޭ ފިރިހެން މެމްބަރުންނާއި އަންހެން މެމްބަރުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބޭ ހަ މީހުންނަކީ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް 20 މެމްބަރުން ހޮވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް މައުމޫން ފެށްޓެވީ އެމަނިކުފާނު ކުރިން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޝަރުއީ މަރުހަލާގެ ތެރެއިން އެ ޕާޓީ މައުމޫނަށް ލިބިވަޑައިނުގަތުމުންނެވެ.

އޭގެކުރިން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި، ވަޑައިގަތީ އެ ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އެވެ.