އަދީބަށް ކުރާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.


އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ހިންގި ތަހުގީގަށް ފަހު އާ ހަތް ދައުވާއެއް އަދީބުގެ މައްޗަށް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެއް އަދީބުގެ މައްޗަށް ދައުލަތުން ކުރެ އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކާއި އަދި އެހެން ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވިޔަސް، އެ ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ޚިޔާނާތުގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކުރި މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައާ ގުޅިގެން އަދީބު ފުރުން މަނާކޮށް، ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އޭނާ ފިއްލަވައިގެން ރާއްޖެ ބޭރަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި އަދީބަށް ދާދިފަހުން ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.