ކްރިކެޓް ކޯޗު އަލުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފި

ގިނަ ބަޔަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓައި ދޫވި ގައުމީ ކްރިކެޓް ކޯޗު، އާސިފް ޚާން އަލުން ހައްޔަރުކުރުމުގެ އަމުރެއް ހައި ކޯޓުން މިއަދު ނެރެފި އެވެ.


މި އަމުރު ނެރުނީ، ކްރިމިނަލް ކޯޓުން އަމުރެއް ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. މި ޝަރީއަތް ބޭއްވީ މިއަދެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 46 އަހަރުގެ ފިރިހެންމީހާ ދޫވީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސައުތު އެފްރިކާ އަށް ނިސްބަތްވާ ކޯޗު ބަންދުން ދޫވީ ތަހުގީގު ކުރާ ފުލުސް އޮފިސަރަށް ގަޑި އޮޅުމުން ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ކޯޗު ފުރަތަމަ ހައްޔަރުކުރީ ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާ ފުރުންމަނާކޮށް، ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި ބުނެފައި ވަނީ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.

މި ތުހުމަތުތައް ކްރިކެޓް ބޯޑުން ވެސް ބެލި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފުލުސް އޮފީހަށް މައްސަލަ ހުށަނޭޅުމުން ކުޅުންތެރިކަން ކަންބޮޑުވުންފާޅުކުރި އެވެ.