މުދާ އެތެރެކުރާ މީހުންގެ އަތުން އޮޅުވާލައިގެން ފީތަކެއް އެބަ ނަގާ: އެމްޕީއެލް

ރާއްޖެ އަށް ކަނޑުމަގުން މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން، އެޖެންޓުންނާއި ފްރައިޓް ފޯވާޑާސް އަދި ބްރޯކަރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދައްކަން ޖެހޭ ފީތަކެއްގެ ނަމުގައި އޮޅުވާލައިގެން ފީިތަކެއް ނަގަމުންދާ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.


އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެމްޕީއެލް އަށް ދައްކަން ޖެހޭ ފީތަކެއް ކަމަށް ބުނެ ނަގަމުން އަންނަނީ އޭޕީސީއާރް އާއި ޕޯޓް ކޮންޖެކްޝަން ޗާޖާއި ޑީސީއެޗްޓީ އަދި އިކުއިޕްމަންޓް އިމްބެލެންސް ޗާޖް ފަދަ ނަންނަމުގައި ނަގާ ފީތަކެއް ކަމަށެވެ.

އެ ކުންފުނީގެ ޓެރިފްގައި ކުރިންސުރެ ބުނެފައިވާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނަގަމުން ނުދާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

"މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން މި ކުންފުނިން ނަގާ ހެންޑްލިން އަދި ވޯޓޭޖް ފީގެ އިތުރުން، އިތުރު ހިދުމަތެއް ހޯދާފައި ނުވާ ނަމަ މުދާ ކްލިއާ ކުރުމަށް އިތުރު ފައިސާއެއް މި ކުންފުނިން ނުނަގާނެކަން ވެސް މިފުރުސަތުގައި ދެންނެވީމެވެ." އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޕީއެލްއިން އެކި ހިދުމަތްތަކަށް ނަގާ ފީތައް--

ބަޔާނުގައި ބުނީ ޑިސެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ބަދަލުތަކާއެކު މާލޭ ކޮމާޝަލް ހާބަރުން ބޯޓު ފަހަރަށް ދެމުންދާ ހިދުމަތާއި އަދި މުދާ ދޫކުރުމުގެ ހިދުމަތް އެކަށީގެންވާ މިންވަރަކަށް އަވަސް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބޯޓު ފަހަރު ލަސްވުމާ ގުޅިގެން އިތުރު ހަރަދުތަކެއް ހިނގާ ކަމަށް ބުނެ ފީތަކެއް މިހާރު ނަގައިގެން ވާނެ ކަމަށް އެ ކުންފުންޏަށް ނުފެންނަ ކަމަށެވެ.