ހައި ކޯޓަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުން ހުވާކުރައްވައިފި

ހައި ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ހާތިފް ހިލްމީ އާއި ހުސައިން މަޒީދު މިރޭ މަގާމުގެ ހުވާކުރައްވައިފި އެވެ.


ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހާތިފާއި މަޒީދަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްްދުﷲ ދީފީ އެވެ. ދެ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް އަދި ސުޕްްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޖޭއެސްސީގެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ބައިވެރިވެ ވަޑައިގަތެވެ. މި ބޭފުޅުންގެ އިތުރުން ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ހާތިފާއި މަޒީދު ކުރިން މަސައްކަތްކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގަ އެވެ. އެ ދެބޭފުޅުން ހައި ކޯޓަށް އައްޔަން ކުރީ ހައި ކޯޓުގެ ބެންޗު ހަމަކުރުމަށް އިތުރަށް ބޭނުންވާ ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާނުކޮށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ހާތިފް ހިލްމީ އާއި ހުސައިން މަޒީދު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ އާ ދެ ފަނޑިޔާރުންނަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ. ޖުޑިޝަރީއާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުން ކަމަށާއި އެ ބޭފުޅުންގެ ނަޒަރުގައި ގާނޫނު އޮންނަންވީ ގޮތް ކުރެހުން ނޫން ކަމަށެވެެ.

"ފަނޑިޔާރުންގެ ނަޒަރުަގައި ގާނޫނު އޮންނަންވީ ގޮތް ނުވަތަ ގާަނޫނު ބައްޓަން ކުރަންވީ ގޮތް ކުރެހުމެއް ނޫން. އަދި ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ނުވަތަ ނިޒާމު ރޭވުމެއް ވެސް ނޫން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީން ޝަރުއީ ނިޒާމު ބައްޓަން ކޮށްފައި އޮތީ ވެސް އެގޮތަށް ކަމަށާއި އެ ގާނޫނު އަސާސީ އައީ ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކަމަށެވެ. ނަމަވެސް އޭގެ ފަހުން 11 އަހަރު ފާއިތުވެ ދިޔަ އިރު ވެސް ގާނޫނު އަސާސީ ތަސައްވުރު ކުރެއްވި މިސްރާބަށް ޝަރުއީ ނިޒާމު އަދިވެސް ނުގެންދެވޭ ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން އެންމެ އެދޭ ބަޔަކީ ފަނޑިޔާރުން ކަމަށާއި އެ ދާއިރާގެ ނަޒާހަތްތެރިކަން ހިފަހައްޓައި ދާއިރާއަށް އިތުބާރު އުފެއްދުމަކީ ވެސް ފަނޑިޔާރުން އެދޭކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ދާއިރާ އިސްލާހުކުރަން މި ގެެނެވޭ ބަދަލުތަކުގައި ތިޔަ ބޭފުޅުން ތިޔަ ދެއްވާ އެއްބާރުލުމަކީ އަޅުގަނޑު މިދެންނެވި ވާހަކަ ސާބިތުކޮށްދެ އެންމެ ވަރުގަދަ އަސާސް،" ހިސާން ވިދާޅުވި އެވެ.

ހިސާން މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ޝަރުއީ ދާއިރާއާ ގުޅުން ހުރި ބައެއް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކުން ކޯޓުތަކުގެ ހިންގުމަށް ބުރޫ އަރައި، މިނިވަންކަން ގެއްލޭ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވާފައި ވަނިކޮށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލައި، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގުގެ ރިޕޯޓް އެ މަނިކުފާނަށް މިއަދު ފޮނުވުމުން އެ ވެސް ވަނީ ހަވާލުވެވަޑައިނުގެން ރައްދު ކުރައްވައިފަ އެވެ.