ބޭ އޮފް ބެންގަލްގައި ތޫފާން ބުލްބުލް، ރާއްޖެ އަށް ނުރައްކަލެއް ނެތް: މެޓް

ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެކަމަކު އޭގެ ސީދާ އަސަރެއް ރާއްޖެ އަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން މިރޭ ބުނެފި އެވެ.


އެ އިދާރާ އިން ބުނީ "ބުލްބުލް" ގެ ނަން ދީފައިވާ ތޫފާނުގެ ބާރު ކުރިއަށް އޮތް ހަ ގަޑި އިރު ތެރޭ ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އެ ތޫފާނު ދަތުރުކުރަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށް ވާތީ އެ ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ބުންޏެވެ.

ތޫފާނުގެ މިސްރާބު ހުރީ ބަންގްލާދޭޝް އާއި އިންޑިއާގެ ވެސްޓް ބެންގަލްގެ އައްސޭރިފަށާ ދިމާލަށެވެ.

މެޓް އޮފީހުން މާދަމާ ހެނދުނު 6:00 އާ ހަމަ އަށް މިރޭ މޫސުން ލަފާކޮށް ނެރުނު ބުލެޓިންގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި މެދު ތެރޭގައި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7-17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.