މިހާރު ވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސްއަޅާ މަންޒަރު: ޖަމީލް

ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސް އަޅަމުންދާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.


ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރަނީ އެންމެ ފުރަތަމަ ކުރި އިހްސާސްތަކާ އެކު ކަމަށާއި މިއަދުވެސް ފެންނަނީ ވެރިން އިންސާފަށް ހުރަސް އަޅައި، ރައްޔިތުންގެ މުއްސަނދިކަން ކޮރަޕްޝަނުން ލޫޓުވުމާއި ނިކަމެތިންގެ މައްޗަށް ބޮޑުން ބާރު ދައްކާލާ މަންޒަރު ކަމަށެވެ. އަދި ތަހުޒީބު މުޖްތަމައުއެއް އަދިވެސް ނުލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖަމީލްގެ ޓްވީޓް

ޖަމީލް އެގޮތަށް ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ހަމަޖެހިފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމުން އޭނާގެ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒު ކުރެއްވި އެވެ.

މީގެ އިތުރުން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލު ކުރަމުންދާ ގޮތާ މެދު ވެސް އޭނާ ވަނީ ކުރިން ފާޑު ވިދާޅުވެފަ އެވެ.