ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިން ޕާކިން ޒޯނަކަށް

ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިން ޒޯނެއް ހަދައި އެ ތަނާ ކައިރީގައި މަގުމަތީ ހުރި ޕާކިން ޒޯންތައް ނަގައިފި އެވެ.


މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވީ ވީޓީވީ ކުރިމަތީގައި އޮތް ހުސްބިމުގައިި ހެދި ޕާކިން ޒޯނުގައި އެއްފަަހަރާ 279 ސައިކަލު ޕާކްކުރެވޭނެ ކަމަށެވެ. އަދި އެތަން ފެހިކުރަން ވަށައިގެން އެކި ކަހަލަ ގަސް އިންދާފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރަން މަސައްކަތްކުރާއިރު، މަގުމަތީ ވެހިކަލްތައް މަދުކުރަންޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް މާލޭގެ އެކި ހިސާބުތަކުގައި ހެދި ޕާކިން ޒޯނުތަކުގެ ސަބަބުން މަގުމައްޗަށް ވަރަށް ބޮޑަށް ލުއިވެފައިވާކަން ފާހަގަކުރެއްވި އެވެ.

ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ހެދި ޕާކިން ޒޯން ކުރިމަތީގައި ސައިކަލުތަކެއް ޕާކުކޮށްފައި .- ފޮޓޯ: މިހާރު

"ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފަށަންވާއިރަށް މަގުތަކަށް ލުއިތަކެއް ގެންނަންޖެހޭ. އެހެންވެ ވަގުތީ ޕާކިން ޒޯނުތައް މި ހެދެނީ. ވިސްނުމަކީ ކުރިއަށް އޮތް ތަނުގައި ޕާކިން ބިލްޑިންތަކެއް ހެދުން،" ޒަމީރު ވިދާޅުވި އެވެ.

އެ ޕާކިން ޒޯނާއެކު، މަޖީދީމަގާއި ގުލޭނޫރަންމަގާ ދެމެދު ސޯސަންމަގުގައި ހަދާފައިވާ ޕާކިން ޒޯނުތައް ވަނީ ނަގައިފަ އެވެ.

ސަރުކާރުން ކައުންސިލަށް ބާރުތައް އަލުން ދިނުމާއެކު، މާލޭގެ އެކި ސަރަހައްދުތަކުގައި ނުވަ ވަރަކަށް ޕާކިން ޒޯނު ވަނީ ހަދައިފަ އެވެ.