އެންމެ ބޮޑު ޝަކުވާ އަކީ މެމްބަރުން ޕާޓީއާ ދުރުވެފައިވުން: އަސްލަމް

އެމްޑީޕީގެ މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެ ޕާޓީގެ މެމްބަރުން ޕާޓީއާ ދުރުވެފައިވުން ކަމަށާއި އެހެންވެ، އެކަން ރަނގަޅު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭނެ ކަމަށް، އެމްޑީޕީގެ ނައިބު ރައީސް ކަމަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.


ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ގައި، އަސްލަމް ވިދާޅުވީ މެމްބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވީ، އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އާއި މެމްބަރުންގެ ދެމެދުގައި އުފެދިފައިވާ ދުރުކަމެވެ. އެކަމުގެ ހައްލެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަތީ އަހަރަކު އެއް ފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވުމެވެ.

މި މަހުގެ 22 ގައި ބާއްވާ އެމްޑީޕީގެ އެންމެ އިސް ދެ މަގާމުގެ އިންތިޚާބުގެ ތެރެއިން ނައިބު ރައީސްކަމަށް ވާދަކުރައްވާ އަސްލަމް ވިދާޅުވީ އެ މަގާމަށް އޭނާ ހޮވިވަޑައިގެންފި ނަމަ އަހަރަކު އެއް ފަހަރު ކޮންގްރެސް ބާއްވައި، ޕާޓީގެ ގޮފިތައް އިންތިޒާމް ކުރާނެ ކަމަށެވެ. އޭރުން އެ ގޮފިތަކާއި ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް އެނގުމުގެ އިތުރުން، ސިޔާސަތަށް ގެންނަން ޖެހޭ ބަދަލާއި އަސާސީ ގަވައިދުން ފެށިގެން މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ކޮންގްރެސްގެ ފުރިހަމަ ބައިވެރިވުން ލިބި، މެމްބަރުންގެ މެދުގައި ގާތްކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަސްލަމްގެ އަނެއް ވައުދަކީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ ވަރުގަދަކުރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖެހޭ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ވަކި މީހެއްގެ މޫނަކަށް ބަލާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި، ކޮމިޓީ އަށް އަންނަ ހުރިހާ މައްސަލައެއް ވެސް އެމްޑީޕީގެ އަސާސީ ގަވައިދުގެ ތެރެއިން އަވަހަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީގެ މެމްބަރުންގެ މައްސަލަތަކަށް އެ ޕާޓީގެ އެތެރެއިން ފިޔަވަޅު އެޅޭ ނަމަ، ބޭރުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މާލޭ ގްރޭންޑްގައި ހެދި، އަސްލަމްގެ ކެމްޕެއިން އޮފީސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް ބަލާނެ މާބޮޑު މައްސަލައެއް ނޯންނާނެ. އެހެންވެ، ފިޔަވަޅު އަޅާ ކޮމިޓީ ވަރުގަދަ ކުރުމަކީ އަޅުުގަނޑުގެ ކެމްޕޭނުގެ އެއް މަގްސަދު،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި ވެސް އަދި އޭގެ ފަހުން އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އޭނާ ދެން ފާހަގަ ކުރެއްވި އަނެއް މައްސަލަ އަކީ އެމްޑީޕީގެ އަމިއްލަ ބިމެއްގައި އެ ޕާޓީގެ އޮފީހެއް ނުވަތަ ޖަގަހައެއް ނެތުމެވެ. އަސްލަމް ވިދާޅުވީ މާލެ އާއި ރަށްރަށުގައި ވެސް މީހުންގެ ގޯތީގައި އަބަދަކު ޖަގަހަތަކާއި އޮފީސް ނުހިންގޭނެ ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ ބިމެއް ގަނެގެން ވިޔަސް އެ ތަންތަން ގާއިމު ކުރަންޖެހޭ ކަމަށެވެ.

އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި، އެމްޑީޕީގެ ބައެއް ގާތް ރަހުމަތްތެރިނާ އެކު އޭނާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމިއްލަ ބިމެއްގައި މިހާރު ޖަގަހަ ހިންގަނީ ހަމައެކަނި ސ. ހިތަދު އާއި ގދ. ތިނަދޫގަ އެވެ. އާބާދީ ބޮޑު ކޮންމެ ރަށެއްގައި ވެސް، އަމިއްލަ ބިމެއްގައި ހަރުގެއެއް ހިންގަން ޖެހޭ ކަމަށާއި މާލޭގައި ހުންނަ ޕާޓީގެ އޮފީސް ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ޕާޓީ ހިންގުމަށް ފައިސާ ހޯދޭނެ ގޮތެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް އަސްލަމްއާ ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒެވެ. މިއީ، ޝިފާޒް އެ މަގާމަށް ވާދަކުރައްވާ ދެވަނަ ފަހަރެވެ.

އަސްލަމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ބައިވެރިވި، އޭނާގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމު ފުރުއްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރި އިރު، ވަލީ ކޮމިޓީގެ މެމްބަރަކަށް ވެސް އަސްލަމް އުޅުއްވި އެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވި އިސް މަގާމަކީ ދުވަސްކޮޅެއް ވަންދެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމެވެ. ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރަކީ ވެސް އަސްލަމެވެ.