ދެބެއިންނަށް ރައީސްގެ އިނާމް: އާއިލާ އަށް ބޮޑު އުފަލެއް!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) އާއި ޓީޗަރުން ތަމްރީން ކުރުމުގެ ތަޖުރިބާކާރު ލީލާ އަހުމަދަށް އެއީ ވަރަށް މުހިންމު ރެއެކެވެ. އެއީ ޗަބީ އާއި ލީލާގެ އެ އުއްމީދު ހާސިލްވެގެން ދިޔަ ރެއެކެވެ. އެ ދެބޭފުޅުންގެ ދެ ދަރިކަލުން ވެސް އެއް ހަފުލާއެއްގައި ރައީސްގެ އެވޯޑް ހާސިލްކުރެއްވީ އެވެ.


ޖުމްހޫރީ ދުވަސް ފާހަގަކުރަން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެންމެ ހާއްސަ އުފަލެއް ލިބިގެންދާނެ އެއް އާއިލާއަކީ ވެސް އެއީ އެވެ.

ދެ ބޭފުޅުންގެ ތެރެއިން ދޮއްޓަށްހުރި ތިބްޔާން އިބްރާހިމް، 21، ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީގައި ހެދި އެންވަޔަރްމަންޓް މެނޭޖްމަންޓް ޑިގްރީ ކޯހުން އެއްވަނަ އެއްވަނަ ހޯއްދަވައިފަ އެވެ. އެންވަޔަރްމަންޓް މިނިސްޓްރީގައި މިހާރު މަސައްކަތްކުރައްވަމުން އަންނަ ތިބްޔާން ވަނީ އޭ ލެވެލްގައި ރާއްޖޭގެ ގަދަ 10 ގައި އަށް ވަނަ ހާސިލްކުރައްވައިފަ އެވެ.

ތިބްޔާން (ކ) އަދި އިމްކާން.--

އޭނާގެ ފަހަތުން ކޮއްކޮ، އިމްކާން އިބްރާހިމް ވެސް ވަނީ އޯ ލެވެލް އާއި އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯއްދަވައިފަ އެވެ. ޖަމާލުއްދީން ސްކޫލުން އޯ ލެވެލް ނިންމާލެއްވީ ރާއްޖޭގެ ގަދަ ހަ ވަނައިގައި ހިމެނިގެންނެވެ. އެއަށްފަހު ސީއެޗްއެސްއީގައި ކިޔަވާވިދާޅުވެ އޭ ލެވެލްގައި އެކައުންޓިންއިން ދުނިޔެއިން އެއްވަނަ ހޯއްދެވި އެވެ.

އެ ދެ ބޭފުޅުންގެ މަންމަ އަދި ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ ލީލާ ވިދާޅުވި ގޮތުގައި، އިމްކާން ކިޔަވާ ވިދާޅުވި އިރު އޭނާ މަސައްކަތް ކުރެއްވީ ވެސް ރައީސް ދެއްވާ މަތީ ދަރަޖަ އިނާމު ހޯއްދެވުމަށެވެ. އެ ބުރަ މަސައްކަތުގެ ހައްގު އިނާމު ލިބުނީތީ ވަރަށް އުފާވާ ކަމަށް ވިދާޅުވި އެވެ.

އޯ ލެވެލްގައި އިމްކާން ނުވަ މާއްދާ ހެއްދެވި އެވެ. ސައިންސް މާއްދާތަކުގެ އިތުރުން ދެން ބައިވެރިވެ ވަޑައިގަތީ އެކައުންޓިންގަ އެވެ. އެ މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯއްދަވަން ނުވަ މަސް ވަންދެން ޓިއުޝަން ވެސް ނެންގެވި އެވެ. އެކައުންޓިންގައި ރަނގަޅު ފައުންޑޭޝަނެއް އެޅުމުގައި އެންމެ އެހީތެރިކަން ދެއްވީ ޓިއުޝަން ޓީޗަރަށް ވާތީ، އޭނާ ވަނީ އެ ރަސްމިއްޔާތުގައި އިތުރު ބޭފުޅަކު ގެންދަވަން ލިބުނު ފުރުސަތު ވެސް އެ ޓީޗަރަށް ދެއްވައިފަ އެވެ.

ތިބްޔާން (ވ) އަދި އިމްކާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ރައީސް އޮފީސް

"އެޑިއުކޭޝަނުން ދޭ ސެޓްފިކެޓް މިހާރު ލިބިއްޖެއޭ ދެން އިނާމު ބޭނުންވަނީ ރައީސްގެ އަތްޕުޅުންނޭ ކިޔާފައި އޭ ލެވެލްގައި ދެ އަހަރު ކިޔެވީ ސީދާ އެކަމަށް އަމާޒުކޮށްގެން،" އިމްކާނާ ބެހޭގޮތުން ލީލާ ވިދާޅުވި އެވެ.

ލީލާ ވިދާޅުވީ އެއް ހަފުލާއެއްގައި ދެ ބޭފުޅުންނަށް މަތީ ދަރަޖައިގެ އިނާމު ލިބިގެން ދިއުމަކީ ތަފާތު އިހްސާސެއް ކުރެއްވުނު ކަމެއް ކަމަށެވެ. ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވި، ތައުލީމީ ގޮތުން ވިދައިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.