ފުލުހުންގެ މަސައްކަތް ބައްޓަންކުރާނީ ހަމައެކަނި މީހުން ހައްޔަރުކުރާކަށް ނޫން: އިމްރާން

ފުލުހުންގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނީ ހަމައެކަނި މީހުން ހައްޔަރުކުރަން ނޫން ކަމަށާއި ދެމިތިބޭނީ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަންކުރާނީ އިޖުތިމާއީ ގޮތުން ވެސް ރައްޔިތުންނާ އެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

"ރައްޔިތުން ކުރަމުންދާ އިގުތިސާދީ މަސައްކަތްތަކަށް ވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިދާނެ ގޮތަކަށް،" ކޮމިޝަނާ މުހައްމަދު ހަމީދުވެސް ބައިވެރިވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތްތަކަކީ މުޅި ރަށްތަކުގެ ނުވަތަ މުޅި ގައުމުގެ ވެސް ކުރިއެރުމާއި މަސްލަހަތާ ގުޅިފައިވާ މަސައްކަތްތަކެއްކަން ގަބޫލުކޮށް އެ މަގުން މަސައްކަތް ކުރަން ޖެހޭ."

ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވައި އެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ރަށްރަށުގައި ކުރިން އޮންނަ ގޮތުން ނަމަ ރަށްރަށުގައި އޮންނަނީ ސުލްހަވެރި މާހައުލެކެވެ. އެ މުޖުތަމައުތަކުގައި ފުލުހުން ބައިތިއްބަން ނުޖެހުނަސް ބައެއް ރަށްރަށުގައި އެކަން ބަދަލުވެ ކުށްކުރުން އިތުރުވެފައިވާތީ ފުލުހުން އިތުރުކޮށްދޭން އެދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މުޅި ރަށުގެ މުއައްސަސާތަކާއި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނަމަ ދެހާހުގެ އާބާދީއަކަށް ފަސް ފުލުހުންވެސް ރަނގަޅު. ރަށުގެ ސުލްހަވެރިކަން ގާއިމްކުރުމުގައި ފުލުހުންނަށް އެހީތެރިވެދީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިގުތިސާދާއި އިޖުތިމާއީ ހަމަޖެހުމާ ގުޅިފައިވަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމެވެ.

ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށްޓަކައި ފުލުހުންގެ ތެރެއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު ކުރާއިރު އެކަން ވެސް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.