ގާކޮށި ފްލެޓަށް އެޗްޑީސީން 177 މިލިއަން ރުފިޔާ ދައްކައިފި

ގާކޮށި ކުރިން ހުރި ތަނުގައި "މާލޭ ސްކްއާ"ގެ ނަމުގައި އިމާރާތްކުރި 190 ފްލެޓަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 177 މިލިއަން ރުފިޔާ ދައްކައިފި އެވެ.


އެޗްޑީސީގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެޕެކްސް ރިއަލިޓީ އަށް ދައްކަން ޖެހޭ ދެވަނަ ޕޭމަންޓް މިދިޔަ އާދީއްތަ ދުވަހު ދައްކާފައިވާ ކަމަށެވެ. ނަމަވެސް ފަހު ޕޭމަންޓްގެ ގޮތުގައި ދެއްކީ ކިހާ މިންވަރެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

"މިހާރު އެ ކުންފުންޏަށް ދައްކަން ޖެހޭ އެއްވެސް ޕޭމަންޓެއް ނޯންނާނެ. އަރަބިއްޔާ ހުރި ތަނުގައި ހެދި ފްލެޓްތަކަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ވެސް ދައްކާފައިވާނެ،" އެ އޮޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި މިހާތަނަށް ހެދި އެންމެ ބިޔަ ހައުސިން ފްލެޓް ހެދުމަށް ސަރުކާރުން ހަވާލު ކުރީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސް ކުންފުނީގެ ހިއްސާއާ އެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ" ކުންފުންޏާ އެވެ.

އެޕެކްސް ރިއަލިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުން ދައްކަން ޖެހޭ ދެވަނަ ޕޭމަންޓްގެ ގޮތުގައި 177 މިލިއަން ރުފިޔާ މިދިޔަ އާދީއްތަ ދުވަހު ދައްކާފައިވާ ކަމަށެވެ. އަދި އެ ދެ އިމާރާތް ވެސް މިހާރު އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީނީމަގުގައި ހަދާފައިވާ މާލޭ ސްކްއާ ފްލެޓްތައް: މިތަނުގައި 190 ފްލެޓް ހަދާފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ އެޕެކްސް އަށް ދައްކަން ޖެހޭ ފައިސާ ދައްކާ ނިމިފައިވާތީ ފްލެޓްތައް ލިބުނު މީހުންނާ އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ފްލެޓްތައް ލިބުނު މީހުންނަށް ބޭންކުތަކާއި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިނޭންސް ކުރެވޭނެ ގޮތްތައް ހަމަޖައްސައިދެވޭ ވާހަކަ ދައްކަމުން. އޭރުން ފްލެޓް ލިބުނު މީހުންނާއި ފައިނޭންސް ކޮށްދޭ ފަރާތާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ފައިސާ ދައްކާނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ފްލެޓްތަކަށް ފައިނޭންސް ކޮށްދޭން ބޭންކުތަކުން އޮތީ ތައްޔާރަށް ކަމަށެވެ. އެހެން ކަމުން އެތަން ލިބުނު މީހުންނަށް ފައިސާ ހޯދުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބުނު މީހުންނަށް ފްލެޓްތައް ދޭން ސަރުކާރުން ވަނީ ފަސް އަހަރު ތެރޭ ދެ މިލިއަން ރުފިޔާ އެ ފަރާތްތަކަށް އަންގާފައިވެ އެވެ. އެއީ މަހަކަށް 33،000ރ.ގެ ޖެހޭ މިންވަރެކެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭ އަދަދު އުޅޭނީ ގާތްގަނޑަކަށް 9،000ރ. ގައި ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ކުރިން ދައްކަން އަންގާފައިވާ މިންވަރަށް ފައިސާ ދައްކަން ދެން ނުޖެހޭނެ ކަމަށެވެ. އަދި އެ ދައްކާނެ މިންވަރެއް ކަނޑައަޅާނީ ފްލެޓް ލިބޭ ފަރާތާއި ބޭންކާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ހަވާލުކުރުމުގެ އުސޫލުތަކާއި ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތްތައް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާންކުރާނަން. އެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންތައް މިހާރު ކުރަމުން މިދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ރިއަލް އެސްޓޭޓް އުސޫލުން ތަރައްގީކުރާ ތަންތަނަށް ފައިސާ ދިގު މުއްދަތުން ދައްކާ ހަލާސްކުރެވޭ ގޮތަށް ބޭންކުތަކާއި އެޗްޑީއެފްސީން ފައިނޭންސްކޮށްދެ އެވެ. އެގޮތުން 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ބައެއް ތަންތަނުން ފައިނޭންސްކޮށްދެ އެވެ.