އަފްރާޝީމު އަވަހާރަކޮށްލަން ހަވާލުކުރީ މަޒީދާއި ސާމިތުގެ ޖަމާއަތުން: ރިޕޯޓް

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަށް ބައެއް މީހުން ވަރަށް ބޮޑަށް ނަފުރަތުކުރި ކަމަށާއި އޭނާ އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.


ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މަޒީދާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތުކުރެވޭ ޖަމާއަތުގެ މީހުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގެ ހުލާސާއެއް އިއްވަވައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާ ރިޕޯޓު ހިއްސާކުރައްވާފައި ވަނީ ރައީސް އޮފީހުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ޖިހާދީ ފިކުރުގެ ޖަމާއަތުން ރާވައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ޖިހާދީ ފިކުރުގެ އެ ޖަމާއަތް ހިންގުމުގައި އިސްވެ ތިބެނީ ދަފްތަރު ނަންބަރު 471، މުހައްމަދު މަޒީދާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން އަފްރާޝީމްގެ އަވަހާރަކޮށްލުމުގައި އެންމެ އިސް މޭސްތިރިއަކީ ހ. ހިލްޓަން އަޒްލިފް ރައޫފެވެ. ރިޕޯޓުގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރޭގައި އަޒްލިފާއި ހުމާމާއި ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުޑަކުއްޖާއާ އެކު އިތުރު ބަޔަކު ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށް ފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލި ރެއަށް ފަހު، ޖެހިގެން އައި ދުވަހު ބަޔަކު، މާލެ އިން ގަތަރަށް ފުރި އެވެ. އޭގެ ތެރޭގައި، އަފްރާޝީމަށް މިސްކިތެއްގެ ތެރޭގައި ހަމަލާ ދޭން އުޅުމުގެ ތުހުމަތު އޮތް ގދ. ވާދޫ ޖަވާހިރުގޭ ޖާދުﷲ އިބްރާހިމާއި މ. ހާދޫ މުހައްމަދު ނިޝާނާއި އިތުރު ހަތް މީހަކު ހިމެނެ އެވެ. އެ މީހުން ވަނީ ސީރިއާ އާއި ސޫދާނަށް ގޮސްފައި ކަމަށް ރިޕޯޓްގައިވެ އެވެ.

އަފްރާޝީމް އަވަހަރާކޮށްލި ރޭގެ އަނެއް ދުވަހު ގަތަރުގެ ފްލައިޓެއްގައި ރާއްޖެ އިން ފުރައިގެން ދިޔަ މީހުންނަކީ ގއ. ވިލިނިގިލި، ފައުޒީ، އަބްދުﷲ ބަޝީރާއި ގ. ވީނަސްވިލާ، އަހުމަދު ޔުސްރީ މުހައްމަދު ޝަރީފް، ހއ. ދިއްދޫ ބަރުލީނުގެ، މުހައްމަދު ޝަފީގް، ގ. ސިނަމާލެ 2، މުހައްމަދު ތަސްނީމް، ވ. މަދަން އައިޝާ ނަހުލާ އަބްދުއްލަތީފް، ގދ. ދެއްވަދޫ އޯކިޑްވާދީ، މުހައްމަދު އުޝާމް އަދި އއ. ހިމަންދޫ ބީޗްނެސްޓް، މިރްޒާލް މުހައްމަދެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މި އެންމެންނަކީ މަޒީދާއި ސާމިތު އިސްވެ ތިބެ ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީންކޮށް، މާލޭގައި އެކިއެކި ހަރަކާތްތައް ހިންގާފައިވާ މީހުން ކަމަށެވެ.

ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގާތާ އެތައް ދުވަހެއް!

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ޖިހާދީ ފިކުރުގެ ޖަމާއަތްތައް ރާވައި ހިންގާ ގޮތް ތަފްސީލްކޮށްދީފަ އެވެ. އެގޮތުން ހަރުކަށި ޖިހާދީ ފިކުރުގެ ހަރަކާތްތައް ކުރީއްސުރެ، ހިނގަމުންދާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ސަލްޓަން ޕާކްގައި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮން ގޮއްވާލުމުގައި ބައިވެރިވީ އެމީހުން ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި ހިންގަމުންދާ އަލްގައިދާ ޖަމާއަތް އޮންނަނީ ކުދި ސެލްތަކަކަށް ބަހާލައިފަ އެވެ. ސެލްތަކަށް އޮންނަނީ "އޭ"، "ބީ"، "ސީ" އަދި "ޑީ" ގޮތަށް އަކުރެއް ކަނޑައަޅައިފަ އެވެ. ސެލް "އޭ" ގައި ތިބޭ ބަޔަކަށް ސެލް "ބީ" ގައި ތިބޭ ބައެއް ނޭނގޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ކޮންމެ ސެލް އަކަށް އަމީރަކު ހުރެ އެވެ. އަދި އެ ސެލްއަކަށް މީހުން ރެކްރޫޓު ކުރާނީ އެ ސެލްގެ ވެރިއަކަށް ހުންނަ އަމީރު ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

"ޖަރީމާތަކުގެ މިޝަންތައް ސެލްއަކާ ހަވާލުކުރާ އިރު، ސެލްގައި ހިމެނޭ އެންމެން ނުގެންދާނެ އެވެ. ގެންދާނީ އެ ސެލްގެ އަމީރު ނުވަތަ ސެލްގެ ދެ ތިން މެމްބަރުންނެވެ،" ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ 2014 ގެ ރޯދަ މަހުގެ ކުރިން ރާއްޖޭގައި ހައްދުފަހަނަޅާފައި ތިބި މީހުންގެ ގޮތުގައި ތިބީ އަލްގައިދާ ކަމަށެވެ. އެކަމަކު، ރޯދަ މަހުގެ ތެރޭގައި އަބޫބަކުރު އަލްބަޣްދާދީގެ ހަލީފަތު އިއުލާން ކުރުމާ އެކު، ރާއްޖޭގައި އޮތް އަލްގައިދާ ޖަމާއަތުގެ ލީޑަޝިޕް ބައިބައިވި ކަމަށް ރިޕޯޓުގައިވެ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު ބަޣްދާދީ މަރާލާފައިވާ ކަމަށް އެމެރިކާ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ވަނީ އަލްގައިދާ ބެހިފައި އޮތް ގޮތަކީ ދައުވަތަށް ވަކި ބަޔަކާއި ފައިނޭންސަށް ވަކި ބަޔަކާއި ދެން ހުރި ހުރިހާ ކަމަކަށް ވަކި ބައެއް ކަމަށް ކޮމިޝަނަށް ބަޔާން ދިން ހެއްކަކު ބުނެފައިވެ އެވެ. އެމީހުންގެ ހަރަކާތްތައް ހުންނާނީ އެހެން މީހުންނަށް އޮޅޭ ފަދަ ގޮތަކަށް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އަފްރާޝީމާ މެދުގައި ރުޅިވެރިކަން އުފެއްދުމަށް ވާހަކަ ދެއްކި މީހުން ވަރަށް ގިނަ ކަމަށް ކަމަށާއި އޭގެ ތެރޭގައި ސަލަފް ޖަމާއަތް ހިމެނޭ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ. އަދި "ހަބޭސް ޓީވީ" ގެ ނަމުގައި 2011 ވަނަ އަހަރު އުފެއްދި ޔޫޓިއުބް ޗެނަލުން އަފްރާޝިމަކީ ވަރަށް ނުރައްކާތެރި "ޝިރުކުގެ އޮށް" އިންދާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކޮންޓްރެކްޓަށް ހަތަރު މިލިޔަން ރުފިޔާ އާއި ހަ މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދު ކޮށްފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ގެޔަށް ވަދަވެވަޑައިގަތުމާ އެކު ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ ކަރަށާއި ބޮލަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި އިރު، ގޭގެ ތެރޭގައި އިތުރު ބަޔަކު އުޅުނު ކަމަށާއި އަފްރާޝީމް ދިރިއުޅުއްވާ ގޭ ކައިރީގައި ހުރި ކްރިސްޓީސް ރެސްޓޯރަންޓުގައި "ފަގުޑި އަޅައި ކުރުތާ އަޅައިގެން ތިބި" ތިން މީހުން ތިބި ކަމަށާއި އެމީހުންނަކީ ކޮބައިކަން އެނގެން ޖެހޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.