އައްޑޫގެ ތަރައްގީއާ ގުޅޭ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހަވާލު ކޮށްފައި: ކައުންސިލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުނު އިރު، ފުރަތަމަ އަހަރުގެ ތެރޭގައި އެކަނި ވެސް އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫތައް ހިންގަން އެކި ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ކައުންސިލުން ބުނީ، އެ މަޝްރޫއުތަކުގެ ތެރެއިން ބައެއް ކަންކަމުގެ އަމަލީ މަސައްކަތްތައް ވަނީ ފަށައިފަ އެވެ. ބާކީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 17 މަޝްރޫއެއް އެކުލަވައިލާފައިވާ އިރު، މި ވަގުތު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި މީދު އާއި މަރަދޫފޭދު އާއި މަރަދޫގެ ބަނދަރުގެ މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން، ހުޅުމީދޫގެ ބައެއް މަގުތައް ހެދުން ވެސް ހިމެނެ އެވެ.

އިތުރު މަޝްރޫއުތަކުގެ ތެރޭގައި، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްލާންޓް، އައްޑޫ ސިޓީ އިކްއަޓޯރިއަލް ހޮސްޕިޓަލް، އައްޑޫ ހައި ސްކޫލްގެ ފަސް ބުރީގެ މަލްޓިޕާޕޯސް ހޯލް، އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް، ހުޅުމީދޫ މިފްކޯ ބަނދަރު، ސެންޓްރަލް ޕަވާ ސްޓޭޝަން، މަރަދޫފޭދު ބަނދަރު، މަރަދޫ ބަނދަރު، މީދޫ ބަނދަރު، ހުޅުމީދޫ ބަހާއުއްދީން މަގު، އައްޑޫގެ މަގުތަކުގައި ތާރުއަޅައި މަރާމާތުކުރުން، ފޭދޫ ދަނޑުގައި ޓާފް އެޅުން، މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން، ފޭދޫ ފަތާ ޓްރެކް، މީދޫ ފަތާ ޓްރެކް، ފޭދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް އަދި ހުޅުމީދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް ހިމެނެ އެވެ.

މިދިޔަ ޖޫން މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އިން ދޭ ކްރެޑިޓްލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށެވެ. މީގެ އިތުރުން، އައްޑޫގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވެ އެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނުގެ ދަށުން މިހާރު ވަނީ ސިޓީ ހޮޓަލާއި ގެސްޓް ހައުސްތަކަށް ބިންދޫކުރަން ވެސް ފަށައިފަ އެވެ. މި މަޝްރޫއުގެ ދަށުން ޓޫރިޒަމަށް 96 ބިމެއް ދޫކުރަން ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނިގޮތުގައި އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތަރައްގީގެ މަޝްރޫއުތަކާ އެކު ޓޫރިޒަމް އެނދުގެ އަދަދު 4،000 އަށް އިތުރުވާނެ އެވެ. މި ވަގުތު އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދަކީ 1،118 އެވެ.

އައްޑޫގައި މި ވަގުތު ދެ ރިސޯޓް ހިންގަމުން އަންނަ އިރު، ތިން ވަނަ ރިސޯޓެއް އަންނަ މަހު ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ރިސޯޓް ތަރައްގީ ކުރަން 25 ހެކްޓަރުގެ ބިން އައްޑޫން ހިއްކަން ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.