އަބުރު ކަތިލައިފި، ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ: ޝަހީމް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މަައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުއާ ގުޅޭގޮތުން ހިމަނާފައިވާ ވާހަކަތަކުން އޭނާގެ އަބުރުކަތިލެވިއްޖެ ކަމަށާއި އެ ދިނީ އެންމެ ބޮޑު އަނިޔާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.


ކޮމިޝަނުގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ތަހުގީގަށް ދެއްވި ބަޔާނުގައި ޝަހީމްވަނީ އިތުރުފުޅު ހައްދަވައިފަ އެވެ. އެކަމާ ގުޅޭގޮތުން މިއަދު ހެނދުނު ވެސް އޭނާ ވަނީ ޓްވީޓާގެ ޒަރީއާއިން އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ޝަހީމް ވަނީ އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ނުހައްގުން ކަތިލި ކަންބަޅި ބަކަރިއެއްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އޭނާގެ އަބުރުކަތިލުމަކީ ވެރިކަން ނިމުމުގެ ބިންގަލަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ.

"ތިޔަ ދިނީ އެންމެ ބޮޑު އަނިޔާ،" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ. މިއަދު ހެނދުނު ކުރެއްވި ޓްވީޓްގައި ޝަހީމް ވިދާޅުވީ އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގަންނަވާނެ ކަމަށާއި ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތު ކަމަށެވެ.

ކުއްލި ގޮތަކަށް އެ ޕްރޮގްރާމަށް އަފްރާޝީމަށް ދައުވަތު ލިބިވަޑައިގަތީ އޭނާ ދައްކަވާ ވާހަކަތަކާ މެދު ބައެއް އިލްމުވެރިންގެ ހިޔާލުތަފާތުވުންތަކާ ގުޅިގެން ފުރުސަތު ނުދޭތާ ދުވަސްތަކެއް ފަހުންކަން ކޮމިޝަނާ ވާހަކަ ދެއްކި އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ރިޕޯޓަށް މައުލޫމާތު ދީފައިވެ އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓުގެ ބައިތައް ލީކުވެފައި ވާއިރު، އެއިން ފެންނަ ގޮތުގައި ޝަހީމް ދެއްވި ބަޔާނާއި އޭނާ އާއި އަފްރާޝީމާ ދެމެދު ފޯނުން ކުރައްވާފައިވާ މުއާމާލާތްތައް ދިމައެއް ނުވެ އެވެ.

ރިޕޯޓުގައި ބުނީ އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ހެނދުނު ވަރަށް ގިނައިން ގުޅުއްވި ކަމަށް ޝަހީމްގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށެވެ. ޝަހީމް މާބުރަކޮށް އުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވުނީ އެވެ. އެހެންވެ ބައްދަލުވުންތައް ނިންމާފައި ގުޅުއްވާނެކަން އަފްރާޝީމަށް މެސެޖް ކުރެއްވީ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އެރުއްވުމާ ގުޅޭ ގޮތުން ޝަހީމް ދެއްކެވި ވާހަކަ ކޮމިޝަނުން ގަބޫލުނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި، އޭނާ އަވަހާރަކޮށްލުމުގައި ޝަހީމް އަދި އަދާލަތު ޕާޓީގެ އަތެއް ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓަށް މައުލޫމާތު ދިން ސިއްރު ހެކިވެރިޔަކު ބުނެފައިވެ އެވެ.