މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ހައެއްގައި ފަށަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ހައެއްގައި ފަށަން ނިންމައިފި އެވެ.


"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގެ ބުރާސްފަތީގައި އޮންނާނެ ކަން މަޖިލީހުގެ އިދާރާއިން ވަނީ އަންގައިފަ އެވެ.

"އެޖެންޑާ ފަހުން އިއުލާން ކުރާނެ ވާހަކަ ވެސް ވަނީ މެމްބަރުންނަށް އަންގަވާފައި،" މެމްބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ކުރީކޮޅު ފަށަން ޖެހެ އެވެ. ޖަލްސާތައް ފަށާއިރު، ކޮމެޓީ މަރުހަލާގައި ގިނަ ބިލުތަކަކާއި އިސްލާހުތަކެއް ނުނިމި އެބަ ހުއްޓެވެ. އަދި އާ ދައުރު ފެށުމުން ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ. އެކަމަކު ކޮމަންވެލްތުން ވަކިވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިދިޔަ ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވިއިރު، ބޭއްވީ އެންމެ 17 ޖަލްސާ އެވެ. ޖަލްސާތަކަށް ހޭދަވީ ގާތްގަނޑަކަށް 45 ގަޑިއިރެވެ. މިއީ މީގެ ކުރިން ބޭއްވި ދެވަނަ ދައުރުގެ ޖަލްސާތަކާ ބަލާއިރު ބޮޑު ތަން މަދު ވަގުތެކެވެ.

ދެވަނަ ދައުރާ ބެހޭ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރީ ރައްޔިތުންނަށް ގެއްލުންވާ އަދި ހުދުމުހުތާރު ވެރިކަމެއް ހިންގަން މަގުފަހިވާ ބިލްތަކެކެވެ. މުޒާހަރާ ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގެ ބިލުތަކެކެވެ.