މަސްތުވާތަކެތީގެ ދައުވާތަކަށް ބަތަލާ މަލް އިންކާރުކޮށްފި

މަސްތުވާކެތީގެ މައްސަލައެއްގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހައްޔަރުކުރި ޒުވާން ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލި މަސްތުވާކެތީގެ ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.


ދައުލަތުން އޭނާ މައްޗަށް މަސްތުވާތަކެތީގެ ދައުވާ އުފުލާފައި ވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

މި މައްސަލައާ ގުޅިގެން މާމިގިލީ ބަނދަރުމަތިން މަލް އާއި އޭނާއާ އެކު ދަތުކުރި މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެ ދެ މީހުންގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވުމުން މަލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާއެކެވެ. އެއީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.

މި ދެ ދައުވާގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އަންނާނެ އެވެ.

މަލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާފުކޮށްދިނުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މަލް އަކީ 2016 ވަނަ އަހަރު ފިލްމު "ނޭނގި ޔާރު ވަކިވީ" އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބައިވެރިޔާ"، "ވަފާތެރި ކެހިވެރިޔާ" އަދި "ތިޔަ ލޯތްބާ ދުރަށް" ހިމެނެ އެވެ.

މަލް ވަނީ ބައެއް ވީޑިއޯ ލަވަކާއި ޑްރާމާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މަލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ރެޑް ކާޕެޓުން ވެސް އޭނާ ފެނިފައިވެ އެވެ.