މިހާރު އޮންލައިންކޮށް ވޯކް ވީސާ އަށް ހުށަހެޅޭނެ

އޮންލައިންކޮށް ވޯކް ވީސާ އަށް ހުށަހަަޅަން މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ އާދިއްތަ ދުވަހު ފަށައިފި އެވެ.


އިމިގްރޭޝަނުން ޓްވިޓާގައި އާންމުކުރި ވީޑީއޯއަކުން ފެންނަ ގޮތުގައި، އޮންލައިންކޮށް ވޯކް ވީސާ އަށް ހުށަހަޅާ މީހުން އެ އޮފީހަށް ދާން ޖެހޭނީ އެންމެ ދެ ފަހަރެވެ. އެއީ ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެެތަނުން ބަލައިގަތުމަށް ފަހު، ޕާސްޕޯޓުގައި ވީސާ ޖަހަން އެ އޮފީހަށް ޕާސްޕޯޓު ހުށަހެޅުމަށާއި ވީސާ ޖެހުމުން ޕާސްޕޯޓު ނަގާށެވެ.

އިމިގްރޭޝަނުން އިއްޔެ ކުރި ޓްވީޓެއް

އޮންލައިން ކޮށް ވީސާ އަށް ހުށަހެޅޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލޮގިން ވުމަށް ފަހު އާ ވީސާއަކަށް އެދި ހުށަހެޅުމުންނެވެ. ވީސާ ހޯދުމާ ގުޅޭ ހުރިހާ ލިިޔެކިޔުންތަކެއް އޮންލައިންކޮށް ހުށަހެޅުމަށް ފަހު، ވީސާ ކާޑަށް ފައިސާ ދައްކަން ޖެހޭނީ ވެސް އޮންލައިން ކޮށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ކޮންމެ އެޕްލިކޭޝަން ޕްރޮސެސްކުރަން 24 ގަޑިއިރު ނަގާނެ އެވެ.

އިމިގްރޭޝަނުން ދެން ބަލާނީ ވީސާއާ އެކުު ހުށަހެޅި ލިޔެކިޔުންތަކަކީ ސައްހަތޯ އެވެ. އެ ލިޔެކިޔުންތަކުގެ ސައްހަކަން ޔަގީންކުރުމުން ވީސާގެ ސްޓޭޓަސް "ރެޑީ ފޮ ސަބްމިޝަން" އަށް ބަދަލުވާނެ އެވެ. ދެން ޖެހޭނީ، ޕާސްޕޯޓުގައި ވީސާ ޖަހަން އެޕޮއިންޓްމެންޓެއް ހަދާށެވެ. ޕާސްޕޯޓު ހުށަހަޅާތާ ތިން ދުވަސް ފަހުން ވީސާ ޕްރޮސެސްވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޕާސްޕޯޓު އަނބުރާ ލިބޭނީ، އެ ބަލާ ދާން ވެސް އެޕޮއިންޓްމެންޓެއް ހެދުމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނުގެ އިމުގެ ތެރެއަށް ގެންނައުމުގެ ޕްރޮގްރާމެއް މިހާރު އަންނަނީ ހިންގަމުންނެވެ. ގަވައިދާ ހިލާފަށް 63،000 ބިދޭސީން އުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ލަފާކޮށްފައިވެ އެވެ.