ބިޝާމް ވަކިކުރުމުގެ މައްސަލަ މާދަމާ އިއުލާންކުރަން އެޖެންޑާކޮށްފި

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް، މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި އިއުލާންކުރަން އެޖެންޑާކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ މާދަމާގެ އެޖެންޑާގައިވާ ގޮތުން، ބިޝާމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ގަވާއިދުގެ 2010 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލީހުގައި އިއުލާންކުރަން ޖުޑިޝަރީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ އެވެ.

އެ ކޮމިޓީން މިއަދު ނިންމާފައި ވަނީ އަނެއްކާވެސް ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. ކުރިން ވެސް އެ މަސައްކަތް ކުރިއަށް ގެންދަން ފާސްކުރި އެވެ. އެކަމަކު އެ ނިންމުން ފަހުން ބާތިލްކުރީ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޕީޖީ އަދި އެހެން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރާ ނަމަ އެކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. މަޖިލީހުގެ މެމްބަރުންނަށް އެކަން އިއުލާން ކުރައްވާނީ މަޖިލީހުގެ ރައީސެވެ. އޭގެފަހުން އެ މައްސަލަ ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ކުރިން ސުވާލު ވެސް ކޮށްފައިވެ އެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ. ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދިއުމުން އަނބުރާ ގެންދިއުމަށް ފަހު އަލުން ހުށަހެޅުމުން ވެސް އެކަން ކުރިއަކަށް ނުގެންދިޔަ އެވެ.