ފައިސާ ނަގައި ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި މަލީޝާގެ ވެރިޔާ 8 އަހަރަށް ޖަލަށް

މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މީގެ ހަތް އަހަރު ކުރިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި އެ ކުންފުނީގެ އޭރުގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް 8 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ހައްޖަށް ގެންގޮސްދޭން ކަމަށް ބުނެ 2012 ވަނަ އަހަރު ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުލަތުން ކުރީ ޚިޔާނާތްތެރިވުމުގެ ދައުވާ އެވެ.

ހުކުމުގައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި ކަމާއި އެ ފައިސާ އިން މީހުން ހައްޖަށް ގެންގޮސް ދީފައި ނުވާ ކަމަށެވެ. އަދި އެ ފައިިސާ ވެސް އަނބުރާ ދީފައި ނުވާ ކަން އިސްމާއިލްގެ ފަރާތުން ދެއްކި ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ. އޭނާގެ އެ އަމަލުތަކަކީ ޚިޔާނާތްތެރިވުންކަން ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުން ސާބިތުވާ ކަމަށާއި އެހެންވެ، ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ އަށް އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އިސްމާއިލްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެ ހާދިސާ ހިނގިިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެއީ މިހާރު އަމަލުުކުރާ ގާނޫނުލް އުގޫބާތުގައި އެ ކުށަށް އޮންނަ އަދަބަކީ ކުރީގެ ގާނޫނުގައި އޮތް އަދަބަށް ވުރެ ލުއި އަދަބެއް ކަމަށްވާތީ، ގާނޫނު އަސާސީގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ކުރުމަށް ފަހު ހުކުމް ކުރުމާ ދެމެދު ގާނޫނަށް ގެންނަ ބަދަލަކުން އެ ކުށަކަށް ލުއި އަދަބެއް ކަނޑައަޅާފައިވާ ނަމަ، އެ މީހަކަށް ދޭން ޖެހޭނީ ފަހުން އަންނަ ގާނޫނުގައި ބުނާ ލުއި އަދަބެވެ.

މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ހައްޖަށް ނުދެވުމުން އެ މީހުން ފަހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުންނެވެ.