ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ޖާބިރުގެ ދަރިކަނބަލުން ހަމަަޖައްސައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.


ޑީއާރުޕީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް އާމިނަތު ޖާބިރު ހަމަޖެއްސީ ޕާޓީގެ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ކުރިން ހުންނެވި ނަހުލާ އަލީ ވަނީ އެ ޕާޓީ ދޫކުރައްވައި ޕީޕީއެމްއަށް ސޮއިކުރައްވައިފަ އެވެ.

ޑީއާރުޕީގެ ނައިބު ލީޑަރުކަމަށް ޖާބިރުގެ ކޮއްކޮ އިބްރާހީމް ޝިޔާމް ކުރިން ވަނީ އައްޔަން ކޮށްފަ އެވެ. ޖާބިރު އޭރު ވިދާޅުވީ ޑީއާރުޕީ އަށް މެމްބަރުން އިތުރު ކުރުމަށާއި ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން ލީޑަޝިޕަަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްްދެވި ޕާޓީ އެކެވެ. ޑީއާރުޕީ ހީނަރުވީ މައުމޫނު އެޕާޓީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވި ހިސާބުންނެވެ.