ބަހަނާތަކަށް ޖާގައެއް ނެތް: ނައިބު ރައީސް

ކަންކަން ކޮށްފައި ރެކެން އުޅޭ މީހުންގެ ވާހަކަތަކަށް ޖާގަ ދެވެން ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓައި ދެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ ގައުމެއް ތަރައްގީވާނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އެހެންވެ ވަގުތު ދޭން ޖެހޭނީ ހެޔޮ ބަސް އެހުމަށް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި ވަކި ކަމެއް ބޭނުންވެގެން އުޅޭ ބަޔަކު ވަކި ކަމެއް ކޮށްފައި އެކަމަކުން ރެކެން އުޅޭ ބަޔަކު ދައްކާހާ ބަހަނާތަކަށާއި އެ ދައްކާ ވާހަކަތަކަށް ޖާގަ ދެވޭކަށް ނެތް،" މޮޅަދޫގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތައް އެނގިލަށްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެކަންކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

މޮޅަދޫ ފުޓްސަލް ދަނޑު ހުޅުއްވަިއ ދެއްވުން-- ފޮޓޯ: ރައީސް އޮފީސް

މިދުވަސްވަރަކީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓް ރިޔާސީ ކޮމިޝަނުން ހާމަ ކުރުމާ އެކު އެކިއެކި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ދުވަސްވަރެކެވެ. ހަރުކަށި ފިކުރާއި ލާދީނީ ފިކުރުގެ ވާހަކަތައް ބާރަށް ދެކެވޭ ދުވަސްވަރެކެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީންކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަގީންވެފައިވާ ކަމަށެވެ.

"ސަރުކާރެއް އައުމުގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިމުމެއް ގެނެސް ދިނުން. ރައީސް ދެއްވާފައިވާ ޔަގީންކަމަކީ އެއީ،" ފަސް މަސް ތެރޭ ދެ ވަނަ ފަހަރަށް މޮޅަދޫ އަށް ވަޑައިގެން ނައިބް ރައީސް ވިދާޅުވި އެވެ.

ރަށުގެ އާބާދީ ކުޑަ ނަމަވެސް އަސާސީ ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށް ބައިމަދު މޮޅަދޫގައި ހުންނަވައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންގެ ކަންކަން ބަލައި އެކަންކަމަށް ހައްލު ހޯދައި ދެއްވުމަށް ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ރައީސް ދެއްވާ އިރުޝާދަކީ އެއީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.