ޝިދާތާ އާއި އަދާލަތުގެ ރައްދު: އަނިޔާ އާއި ހަރުކަށިކަމަށް ތާއީދެއް ނުކުރަން!

ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން، 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި އަދާލަތު ޕާޓީ އަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދީފި އެވެ.


ކައިވެނީގެ ނަމުގައި ކުޑަައަންހެން ކުއްޖަކަށް ޖިންސީ އަނިޔާކޮށް ބަނޑުބޮޑުވި ކަން ފަޅާއެރީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދީނީ ހަރުކަށި ބައެއްގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމަކަށް ފަހު އެ މީހުންނާ ބެހޭ ގޮތުން ހާމަވި މައުލޫމާތުންނެވެ.

ކައިވެނީގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި، މިނިސްޓަރު ޝިދާތާ އަށް ފާޑުކިއުން އަމާޒުވީ އޭނާ އަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއް ކަމަށް ބުނެ އެވެ. އަދާލަތު ޕާޓީ އަށް ފާޑުކިއުން އަމާޒުކުރީ ކައިވެނީގެ ނަމުގައި 9 އަހަރާއި 13 އަހަރުގެ ކުދިންނަށް އަނިޔާދޭން އެ ޕާޓީގެ ބައެއް އިލްމުވެރިން ތާއީދުކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ.

ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ބިރުވެރިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވައި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުއްޖަކާ މެދު ހިންގި ޖަރީމާ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ދިފާއުކުރައްވަމުން ގެންދަވާ ކަމަށެވެ. މައްސަލައިގައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮތީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ގޮވާލެއްވީ މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޝިދާތާ އެކަމުގައި ދެކޭ ގޮތް ހާމަކުރެއްވުމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އޭނާ އަކީ ހަރުކަށި އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އައިސިސްގެ ދިދަ ހިފައިގެން ބަޔަކު ކުރި މުޒާހަރާއެއްގައި ޝިދާތާ ފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއަކާ ގުޅިގެން އެކަން ސާފުކޮށްދެއްވައި ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އޭނާ ނޫން ކަމަށާއި ހަރުކަށި ފިކުރަށް ތާއީދު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ކުރެއްވި ޓުވީޓް.

"ހަރުކަށި ފިކުރު ފަތުރައި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެއްވެސް ހަރަކާތެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނުވާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" ޝިދާތާގެ ޓުވީޓުގައިވެ އެވެ.

އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީ އަކީ ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަދި އެ ނޫން ގޮތަކުން ވެސް އަނިޔާއެއް ދިނުމަށް ކުޑަކޮށް ވެސް ތާއީދުކުރާ ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އެފަދަ ހަގީގަތެއް ނެތް އިލްޒާމްތައް އަދާލަތު ޕާޓީއަށް އަމާޒުކުރަނީ ސިޔާސީ ވާދަވެރިކަމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.