އަކްރަމް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް

އިކެލްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް މިއަދު އިންތިހާބުކޮށްފި އެވެ.


ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 11 އަހަރު ކުރިން އުފެއްދި އީސީން ކުރި ޓުވީޓެއްގައި ބުނީ އެ ކޮމިޝަނުން ބޭއްވި 16 ވަނަ ކުއްލި ޖަލްސާގައި އަކްރަމް، ކޮމިޝަންގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމަށް އަކްރަމްގެ ނަން ހުށަހެޅުއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ. އެގޮތުން ކޮމިޝަންގެ މެމްބަރު ކަމަށް އޭނާ އިންތިހާބު ކުރަން ފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އިރު ދެކޮޅަށް ދެ ބޭފުޅަކު ވޯޓު ދެއްވި އެވެ.

އެ މަގާމަށް ދެން ވާދަކުރެއްވީ ކޮމިޝަންގެ މެމްބަރު ކަމާ މިއަދު ހަވާލުވެވަޑައިގެންނެވި، ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގެވެ.

އަކްރަމް އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015 ގަ އެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ.

އިލެކްޝަންސްގެ ނައިބު ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަމްޖަދު މުސްތޮފާ އެވެ. އީސީގެ މެމްބަރުކަމަށް ފުއާދު އަލުން ހަމަޖެއްސީ އަމްޖަދުގެ ދައުރު ހަމަވުމުންނެވެ.

އީސީގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި ނައިބު ރައީސް އަކްރަމްގެ އިތުރުން ފުއާދު ތައުފީގު، އިސްމާއިލް ހަބީބް އަދި އަލީ ނަޝާތު އެވެ.