އެމްއާރްއެމް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) މިއަދު ރަޖިސްޓްރީކޮށްދީފި އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާޓީ ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޕާޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެމްއާރްއެމް އުފެއްދުމަށްޓަކައި ހުށަހެޅި ފޯމްތައް، އެހެން ޕާޓީތަކުން ހުށަހެޅި ފޯމުތަކަށްވުރެ މައްސަލަތައް މަދު ކަމަށެވެ. އެހެންވެ އޭނާ ވަނީ އެގޮތަށް ޕާޓީގެ ކަންކަން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

އެމްއާރުއެމް ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްއާރުއެމް އިން ފޯމުތައް ހުށަހަޅާފައިވަނީ އަމިއްލަ އަށް ވަރަށް ބޮޑަށް ކަށަވަރުކޮށްފައި ކަމަށް ވިދާޅުވި އެވެ.

އީސީގެ މެމްބަރުކަމަށް އަލަށް އައްޔަންކުރެއްވި ފުއާދު ތައުފީގް ވިދާޅުވީ ޕާޓީ ކިތައްމެ ބޮޑަސް އަދި ކުޑަޔަސް ކޮމިޝަންގެ ކުރިމަތީގައި ހުރިހާ ޕާޓީއެއް ހަމަހަމަވާނެ ކަމަށެވެ.

އެމްއާރުއެމްގެ ފަރާތުން ވާހަކަދައްކަވަމުން ޕާޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ޕާޓީ އުފެއްދުމުގައި މިހާރު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. މަސައްކަތްތައް ބައްްޓަންކުރާނީ އެކަންކަމުގެ އަލީގައި ކަމަށް ވިދާޅުވި އެވެ.

އެމްއާރުއެމް ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީ އަދި އީސީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ ޕާޓީގެ އުސޫލުތައް ބައްޓަންކޮށްފައި ހުންނާނީ ވާދަވެރިކަން އިސްކުރުމަށްވުރެ ބޮޑަށް ގައުމަށް ހިދުމަތްތައް ކުރެވޭނެ ގޮތަކަށް އަދި ސިޔާސީ މާހައުލު އިސްކުރެވޭނެ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބަހައްޓާނަން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތް އެންމެ ފަސޭހަކުރެވޭނެ ގޮތަކަށް ސިޔާސަތު ކަނޑައެޅުމަށް. އޭގެތެރޭގައި ގައުމީ މަސައްކަތް ކުރުމުގެ ތެރޭގައި ގާނޫނުތަކަށް ވެސް ގަވާއިދުތަކަށް ވެސް އެ ގެންނަންޖެހޭ އިސްލާހުތަކަކީ ހަމަޖެހުން ގާއިމްކުރެވޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރާނަން،" ފާރިސް ވިދާޅުވި އެވެ.