އަޅުގަނޑު ނެތަސް ޕާޓީއަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދޭތި: ޔާމީން

އެމަނިކުފާން ޖަލަށްލައިފި ނަމަ އިދިކޮޅު ކޯލިޝަނަށް ސަވާރުވާން އަންނަ "މިނިކާ ބާޒުތަކަށް" ފުރުސަތު ނުދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވަސިއްޔަތް ކުރައްވައިފި އެވެ.


ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މާދަމާ އިއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލް ކޮށްފަ އެވެ. ޕީޕީއެމް އޮފީސް ކުރިމަތީ މިރޭ ބޭއްވި އެއްވުމެއްގައި ޔާމީން ވިދާޅުވީ ހިތްދަތި ހުކުމަކަށް އިންތިޒާރު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނަކީ މައުސޫމު މީހެއްކަމަށް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންކަމުން އަދުލުވެރި ޝަރީއަތެއް ކުރެވިއްޖެ ނަމަ ސަލާމަތް ވާނެ ކަމަށް ވިދާޅުވި އެވެ.

ފަހަރެއްގައި ދެރަގޮތެއް މާދަމާ ވެދާނެ ކަމަށާއި ޖަލަށްލާނަމަ އެ ލަނީ އެމަނިކުފާން ނޫން ކަމަށާއި އެއީ މިސަރުކާރާ ދެކޮޅަށް ކުރައްވާ މަސައްކަތް ޖަލަށް ލުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެމަނިކުފާން ޖަލަށްލައިފި ނަމަ އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަޔަށް ހިންގުމަށް ވަސިއްޔަތް ކުރެއްވި އެވެ.

"ފަހަރުގައި ދެރަގޮތެއް ވެއްޖެ ނަމަ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ މިމަސައްކަތް މިއަށްވުރެ ވަރުގަދަޔަށް ކުރިއަށް ގެންގޮސްދޭށޭ،" އެއްވެތިބި ގިނަ ބަޔަކާ ވާހަކަ މުޚާތަބް ކުރައްވައި ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑު ފަހަރެއްގައި ދުވަސްކޮޅަކަށް ތިބޭފުޅުންނާ ވަކިވެލަން ޖެހުނު ކަމަށްވީނަމަވެސް އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެލައްވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތައީދު ކުރައްވަން. ހިތްވަރު ދެއްވަން ގިނަ ގިނައިން ވަޑައިގަންނަވާށޭ."

ކުރީފަހަރު ޖަލަށް ލުމުން ދިމާވި ގޮތަށް ކަން ވިޔަ ނުދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ. ނަމަވެސް އޭރުކަންވީ ކިހިނެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެހެން ވިދާޅުވީ އެމަނިކުފާން ނެތް ދުވަހަކުން ޕާޓީއާ ހަވާލުވާން އަންނަ މީހުންނަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވަށްޗޭ. އެއީ އެއްގޮތަކަށްވެސް ޖާގަ ދީގެން ވާނެ ކަމެއް ނޫން،" ފޯރިއާއެކު ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

"ހިތްދަތިކަމާއި ގިލަންވެރިކަން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއިން ތަހައްމަލް ކުރާނެ. އެކަމަކު މިކަމަކީ ކޮންމެހެން ވާން ޖެހޭ ކަމެއް ކަމަށް ވަންޏާ އެކަންވެސް ވާނެ."

އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވަރަށް ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިފައިވާއިރު ޔާމީން ވިދާޅުވީ އެ ޕާޓީ ދޫކޮށް ދިޔަ މީހުން މިހާރު ހިތާމަ ކުރާ ކަމަށެވެ. އެމީހުން ދިޔައީ ހުވަފެނެއް ފެނިގެން ކަމަށާއި އެކަން ހަގީގަތަކަށް ނުވުމުން މިއަދު ތިބީ ހިތާމާގައި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާންގެ މައްޗަށް ކުރާ ޝަރީއަތަށް މިސާލު ދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުން ކުރާ ދައުވާގައި ބުނަނީ މީހަކު ވޮލެޓުން ނަގައި އެހެން މީހަކަށް ދޭ ފައިސާގައި ކޮރަޕްޝަން ހިމެނޭކަން ފައިސާ ހިފި މީހާއަށް އެނގެން ޖެހޭނެ ކަމަށެވެ. އެމަނިކުފާނަށް ލިބުނީ ކޮރަޕްޝަން ހިމެނޭ ފައިސާ ކަމަށް ބުނެ ކޯޓަށް ހެކިބަސް ދިން މީހުންނަށް އެއީ ކޮރަޕްޝަންގެ ފައިސާކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހެކިދޭން މިތިބީ މިއީ ކޮރަޕްޝަންގެ ފައިސާކަން އެނގޭނޭ ތިމަންނަމެންވެސް މިތިބީ އެ ކޮރަޕްޝަންގެ ތެރޭގައޭ ބުނި ދެ މީހުން. އެއީ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތާ. އެ ދެމީހުން މިބުނަނީ ތިމަންނަމެންނަކީވެސް މި ކޮރަޕްޝަންގައި ތިބި ބައެކޭ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވެ ތިމަންނަމެން މި ފައިސާ ރައީސް ޔާމީނަށް ދިނިއްޔޭ. ރައީސް ޔާމީނަށް އެނގޭނޭ ކޮރަޕްޝަން ފައިސާކަން."

އެމަނިކުފާންގެ ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިޔައީ ފަލީހަތް ކުރަން ކަމަށާއި އެކަމަކު އެކަން އެހެން ނުވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައުސޫމުކަން އަޅުގަނޑު ސާބިތުކޮށްދޭން ބޭނުންވަނީ ޝަރީއަތުގެ މަޖިލީހަކު ނޫން. އަޅުގަނޑުގެ މައުސޫމުކަން ފުރަތަމަ އަޅުގަނޑު ސާބިތުކޮށްދޭން ޖެހެނީ އަޅުގަނޑުގެ އާއިލާ އަށް. އެއަށްފަހު އަޅުގަނޑު މި މަސައްކަތް ކުރާ ސިޔާސީ އާއިލާއަށް. ތިބޭފުޅުންނަށް،"

ޔާމީން ވިދާޅުވީ ފަނޑިޔާރުންނަށް ބިރު ދައްކައި ކަރަށް "ދަންމަޅިއެއް މަހާލައިގެން" ކުރިއަށް ގެންދިޔަޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އެމަނިކުފާންގެ މައްސަލަ ބެލުމަށް ފަހުން އެކުލަވާލި ބެންޗާ ދޭތެރޭ ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް މިރޭ ވެސް ޔާމީން ވިދާޅުވި އެވެ. އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ މިސަރުކާރު މިހާރު އޮންނަނީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ތެރެއިން ލިބޭ އެއްބާރުލުމަކާ ހެދި ކަމަށެވެ. ސަރުކާރަށް ރައްޔިތުންގެ ލޯތްބެއް ތާއީދެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގެންނެވީމާ މަރުހަބާ ދަންނަވަން ނުކުންނަނީވެސް މަދު ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ގދ. ތިނަދޫއަކީ ބޮޑު އާބާދީއެއް. މިތަންތަނަށް މިބޭފުޅުން ވަޑައިގަތީމާ ބަނދަރުމަތިން 15 ވަރަކަށް މީހުން ބައްދަލު ކުރީމައި ހަޑި ހުތުރު. އަޅުގަނޑުމެންގެ މަޑިސީލަ ޓީމުން ނަރީޝް (ޕާޓީގެ އެކްޓްވިސްޓެއް) ދިޔައީމަވެސް ބަލައި އެބައާދޭ 50 އަކަށް 60 އަކަށް މީހުން،" ޗެނަލް13 އިން ދައްކާ ޕްރޮގްރާމަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގައި ތިބީ އެ މަންޒަރުތަކުން ފިލާވަޅެއް ލިބިގަންނަން އެނގޭވަރު ބައެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ދެން ތިއްބެވި ސިޔާސީ ލީޑަރުންނަށް، މިސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.