ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ފަސްނުކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް އިއްވަން މިއަދު ތާވަލްކޮށްފައިވާ ޝަރީއަތް ފަސްނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ.


ކޯޓުން މިގޮތަށް ނިންމީ އިޖުރާއީ މައްސަލަތަކެއް ނަގައި، ހުކުމް އިއްވުމުގެ ޝަރީއަތް ފަސްކޮށްދޭން ވަކީލުން އެދިވަޑައިގަތުމުންނެވެ.

ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، ފަނޑިޔާރު އަލީ ރަޝީދާ މައްސަލަ ހަވާލުކުރުމާއި ޝަރީއަތާ ގުޅިގެން އޭނާ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއާ ގުޅިގެން ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް ވަކީލުންގެ ޓީމުން އެކަން ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ފަސްނުކުރަން ނިންމި އިރު ސުޕްރީމް ކޯޓުން ވެސް ވަނީ ވަކީލުންނަށް ޖަވާބު ދީފަ އެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލައެއް ފާހަގަކުރެވޭ ނަމަ، ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަން ބަލާ އިދާރާއަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި މައްސަލައިގެ ހުކުމަށް ސީދާ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަންކަން ހުރި ނަމަ ކޯޓުތަކާ ބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ކަންކަން ފާހަގަކުރައްވައި އިސްތިއުނާފް ކުރެވިދާނެ ކަމަށެވެ.

ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ވަކީލުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ، އެ ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެޅޭނެ އިތުރު ފިޔަވަޅެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

އެކަމަކު، ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ހުކުމަކަށް، އިޖުރާއީ މައްސަލަތަކުން އަސަރުކުރާ ނަމަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. އޭނާ ހަވާލާ ދެއްވަނީ، ކޯޓުތަކުގެ ގާނޫނުގެ 17 ވަނަ މާއްދާއާ އެވެ.

އެ މާއްދާގައި އޮތީ، ހުކުމް ކުރުމުގެ ކުރިއަށް ނުވަތަ ނިންމުން ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއް ބާތިލްކަމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ އެ އިޖުރާއަތުގެ ނުކުތާ އަކީ ހުކުމަށް ސީދާ އަސަރެއްކޮށްފައިވާ ނުކުތާ އަކަށް ވެފައި، މައްސަލަ ބެލި ކޯޓުގައި އެ ނުކުތާއެއް ފާހަގަކުރުމުން އެ ނުކުތާ އަށް ނަޒަރުނުކޮށް ދޫކޮށްލާފައިވާ ނަމަ އެވެ.

މި މާއްދާގައި މިހެން އޮތް ނަމަވެސް ދައުލަތުގެ އާއްމު މަސްލަހަތާ ގުޅުން ހުރި މައްސަލަތަކުގައި، އިޖުރާއަތުގެ ނުކުތާ މައްސަލަ ބެލި ކޯޓުގައި ނުނެގި ނަމަވެސް އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާ އެކު، ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިދާނެ ކަމަށް ކަމށް ވެސް ގާނޫނުގައި ބުނެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވާ އަނެއް ވާހަކަފުޅަކީ، އެސްއޯއެފުން ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން ދައުލަތުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތު ނުކުރެވޭނެ ކަމަށެވެ.