އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ބަދަލުކުރަން ވިސްނަނީ

މިއަދު 75 އަހަރުވީ އަމީނިއްޔާ ސްކޫލްގެ ކުދިންގެ ޔުނީފޯމް ބަދަލުކުރަން ގިނަ ބެލެނިވެރިން ބޭނުންވާ ކަން އެ ސްކޫލުން ކުރިއަށް ގެންދިޔަ ސާވޭއެއް ގައި ބުނެފި އެވެ.


ޕްރިންސިޕަލް ނާޒްލީން ވާފިރް (ނާޒް) "މިހާރު" އަށް މިއަދު ވިދާޅުވީ، ސްކޫލްގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން، ޔުނީފޯމް ބަދަލު ކުރުމާ މެދު ބެލެނިވެރިންނާއި ދަރިވަރުން އަދި މުވައްޒަފުންގެ މެދުގައި ކުރި ސާވޭއެއްގައި އެގޮތަށް އެކަން ކުރަން ގިނަ ބެލެނިވެރިން އެދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޔުނީފޯމް ބަދަލުކުރުމާ ގުޅޭގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާނެ ކަމަށެވެ. އެ އަށް ފަހު 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު 75 އަހަރުވީ އެ ޔުނީފޯމް ބަދަލުވާނެ ކަމަށް ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާގައި މިހާރު ބޭނުންކުރަނީ ރޫ ނަގާފައި ހުންނަ ވައްތިރި، ހުދު ޔުނީފޯމެކެވެ. ރަށްރަށުގައި މިހާރު ވެސް ގިނަ ސްކޫލްތަކުގައި ބޭނުންކުރަނީ އޭގެ ޔުނީފޯމެވެ. އެކަމަކު މާލޭގެ ގިނަ ސްކޫލުތަކުގައި މި ފަހުން ވަނީ ޔުނީފޯމް ބަދަލުކޮށްފަ އެވެ.

ސްކޫލްތަކުގެ ޔުނީފޯމް ބަދަލުކުރުމުގެ ޓްރެންޑެއް އައިސްފައިވާއިރު، އެކަން ކުރަން އަމީނިއްޔާގެ ބެލެނިވެރިން ވެސް ބޭނުންވާ ކަމަށް ނާޒްލީން ވިދާޅުވި އެވެ. އެކަމަކު އެއީ އަދިވެސް މަޝްވަރާތަކަކަށް ފަހު ނިންމޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ޔުނީފޯމަކީ އަމީނިއްޔާގެ ފަޚުރެއް ކަމަށް ނާޒްލީން ވިދާޅުވި އެވެ.

"ޔުނީފޯމެއް ބަދަލުވާން ޖެހޭނީ ވެސް ގިނަ ބައެއްގެ ހިޔާލާ އެކު. އެގޮތުން އަންނަ އަހަރު ހުޅުވާލާނަން ސްކޫލުގައި ހުރި ހިޔާލުތަކާ އެކު އެ އަށް ދެން އިތުރަށް ކަމުވޮށިގެންވާ ބޭފުޅުންގެ ކޮންމެ ވެސް ހިޔާލުތަކެއް ހުޅުވާލާފައި ފައިނަލް ކޮށްފައި ދެން މިނިސްޓްރީގެ އެޕްރޫވަލް ހޯދައިގެން، 2021 ވަނަ އަހަރު ޔުނީފޯމް ބަދަލުކުރާނީ،" ނާޒް ވިދާޅުވި އެވެ.